ޚަބަރު

އޯޒޯނަށް ގެއްލުންދޭ މާއްދާތަކާބެހޭ މައުލޫމާތު ދެއްވުމުގެ ތަމްރީނު


އޯޒޯން ފަށަލައަށް ގެއްލުންދޭ ވިހަ މާއްދާތައް އެތެރެކުރުމުގައި ކަސްޓަމްސްގެ ދައުރާއި ގެންގުޅެންޖެހޭ އުޞޫލުތަކާއި ގުޅޭގޮތުން ކަސްޓަމްސްގެ މުވައްޒަފުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކަސްޓަމްސް ސަރވިސްގެ ސީނިއަރ ސްޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒު ވިދާޅުވީ މި ޕްރޮގްރާމްގައި ކަސްޓްމްސްގެ ގިނަ މުވައްޒަފުންތަކެއް ތަމްރީން ކުރެވިފައިވާ ކަމަށާއި މިހާތަނަށް 250 އަށްވުރެ ގިނަ ކަސްޓަމްސް އޮފިސަރުން މިފަދަ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރި ކުރެވިފައިވާ ކަމަށެވެ.

މި ތަމްރީން ޕްރޮގްރާމަކީ، އޯޒޯން ފަށަލައަށް ގެއްލުންދޭ ކަންތައްތަކަށް ކަސްޓަމްސް އޮފިސަރުން ތަމްރީން ކުރުމަށް ބޭއްވި ޕްރޮގްރާމެއް ކަމަށް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މިރުޒާ މުޙައްމަދު ވިދާޅުވިއެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން އޯޒޯން ފަށަލައަށް ގެއްލުންދޭ ކަންތައްތަކަކީ ކޮބައި ކަމާއި، އޭގައި ކަސްޓަމްސް އޮފިސަރުންގެ ދައުރަކީ ކޮބައިތޯ އާއި މިނިސްޓްރީ އާއި ކަސްޓަމްސް ގުޅިގެން ކުރިއަށް ގެންދެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް މަޢުލޫމާތު ދީފައިވާނޭކަމަށް މިރުޒާ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައިވެސް ކަސްޓަމްސް އާއި އަލަށް ގުޅޭ އޮފިސަރުންނަށާއި އަދި ކަސްޓަމްސްގައި މިހާރު ތިބި އޮފިސަރުންނަށްވެސް މިފަދަ ޕްރޮގްރާމްތައް ހިންގާނެކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.