ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބިސްބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް މުހިންމު މޮޅެއް ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 1-3ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެޓޭކިން ވިސްނުމެއްގައި ކުރިއަށް ޖެހިގެން ރަނގަޅު ހަމަލާތަކެއް އުފެއްދީ މާޒިޔާއިންނެވެ. އެހެންނަމަވެސް ކައުންޓަރ އެޓޭކުތަކުގައި ބިސްބުރުން ވެސް ކުރިއަށް ޖެހި، މާޒިޔާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކުރެވުނީ މާޒިޔާއަށެވެ. މިއީ އެޓީމުން އުފައްދަން މަސައްކަތްކުރި ހަމަލާއެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، ބިސްބުރުގެ އަލީ ޝައިހާން ނަސީމްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަދެގެން މާޒިޔާއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.
މާޒިޔާއިން 28ވަނަ މިނެޓުގައި ލީޑުނެގިއިރު އޭގެ ހަތް މިނެޓުފަހުން ބިސްބުރުން ނަތީޖާ ހަމަހަމަކުރިއެވެ. މިއީ އޭރިއާ ބޭރުން، ދަނޑުގެ އަރިމަތިން އެޓީމުގެ އަޙްނަފް މުޙައްމަދު ތަސްނީމް ނަގައިދޭން މަސައްކަތްކުރި ހުރަހެއްގައި ބޯޅަ ގޮސް މާޒިޔާގެ ގޯލުގެ ތެރެއަށް ވަދެގެން އެޓީމުން ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
އެހެންނަމަވެސް ދެވަނަ ހާފު ފަށައިގެން ދޮޅު މިނެޓުގެ ތެރޭގައި މާޒިޔާއިން ވަނީ އަލުން ލީޑުނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ލޫތު އިބްރާޙީމެވެ. މިއީ އަހްމަދު އައިހަމް ނަގައިދިން ހުރަހަކުން ސަމޫހް ޢަލީ ބޮލުން ޖައްސާލި ބޯޅައެއްގައި ތަނަވަސްވި ފުރުސަތަކުން ލޫތު ކާމިޔާބުކުރި ލަނޑެކެވެ.
މާޒިޔާއިން މެޗުގައި ތިންވަނަ ލަނޑެއްޖަހައި ލީޑުފުޅާކުރީ 58 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފީލްޑަރު ގޮމޭޒެވެ.
މި މޮޅާއެކު މާޒިޔާއިން މުހިންމު ތިން ޕޮއިންޓު ހޯދިއިރު އެޓިމުން މިހާތަނަށް ކުޅުނު ފަސް މެޗުން 10 ޕޮއިންޓު ވަނީ ލިބިފައެވެ. މި ފަސް މެޗުގެ ތެރެއިން މާޒިޔާ ތިންމެޗުން މޮޅުވިއިރު އެއް މެޗުން ބަލި އަދި އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މިމެޗުން ބަލިވި ބިސްބުރަށް ފަސް މެޗުން ލިބެނީ ހަ ޕޮއިންޓެވެ.