ޚަބަރު

ފުވައްމުލައް ސިޓީގައި ހިންގަވާ ރޯޑް ސޭފްޓީ ކެމްޕޭން


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޢާންމުން ޙޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ހިންގަވާ ރޯޑް ސޭފްޓީ ކެމްޕޭނުގެ ދަށުން އެރަށުގައި ސައިކަލް ބުރެއް ބާއްވައިފިއެވެ.

ސައިކަލް ބުރު ބޭއްވެވީ ހެލްމެޓް އަޅައިގެން ދުއްވުމަށް ބާރު އެޅުއްވުމުގެ ގޮތުންނެވެ. ފުވައްމުލަކުގައި ހިންގަވާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ދަށުން ސައިކަލް ބުރެއް އިންތިޒާމު ކުރެއްވި ފުވައްމުލައް ސިޓީ ކައުންސިލާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ޑަބްލިޔުއެޗްއޯއާއި، ޓްރާންސްޕޯޓް އޮތޯރިޓީއާއި، ދިވެހި ރެޑް ކްރެސެންޓު ގުޅިވަޑައިގެންނެވެ. ސައިކަލް ބުރު ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ ކުރިމަތިން ފަށައިގެން ގޮސް ނިންމާލާފައިވަނީ، އެރަށު ނައިބު ތުއްތު ހިނގުމުން ގޮސް ބަނދަރު ސަރަޙައްދަށެވެ.

ސައިކަލް ބުރު ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ހެލްމެޓް އަޅައިގެން ދުއްވުމުގެ މުހިންމުކަން ޢާންމުންނަށް އަންގައިދެއްވައި އެކަންކަމަށް ސަމާލުވުމަށް ބާރުއެޅުއްވުމަށް ކަމަށް ފުވައްމުލައް ސިޓީގެ ފުލުހުންގެ ފަރާތުން ވާހަކަދައްކަވަމުން ޕޮލިސް ސަރޖެންޓް ޙުސައިން އަސްލަޙު ވިދާޅުވިއެވެ. ސައިކަލް ބުރުގައި، ފުވައްމުލައް ސިޓީ ކައުންސިލާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި، ޓްރާންސްޕޯޓް އޮތޯރިޓީއާއި، ޑަބްލިޔުއެޗްއޯ އަދި ދިވެހި ރެޑް ކްރެސެންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުވައްމުލައް ސިޓީގައި ފެށްޓެވި ކެންޕޭނަކީ، ފުވައްމުލައް ސިޓީގައި ހިނގަވާ އެކްސިޑެންޓުތައް މަދުކުރައްވައި، މަގުމަތީގެ އަދަބުތަކާއި، މަގުތައް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާމެދު ޢާންމުން ޙޭލުންތެރި ކުރެއްވުވުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރެއްވުމެވެ.