ޚަބަރު

ބްލައިންޑް އެސޯސިއޭޝަނާއި ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފި


ރާއްޖޭގެ ލޯފަން ކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ މަސައްކަތްކުރާ ޖަމްޢިއްޔާގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލް ކުރުމުގެ ޚިދުމަތް މުޅިން ހިލޭ ދިނުމަށް ޤައުމީ ޓެލެކޮމް ކުންފުނި، ދިރާގުން ނިންމައިފިއެވެ.

މިކަމަށްޓަކައި ދިރާގުން މިއަދު ވަނީ ލޯފަން ކުދިންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމިއްޔާ، ބްލައިންޑް އެސޯސިއޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދުއެވެ. ބްލައިންޑް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ގުޑްވިލް އެމްބެސެޑަރ މަރިޔަމް ވަޙީދާއެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދިރާގުގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ރަޝީދު ވިދާޅުވީ، މިއީ ދިރާގުގެ އިޖްތިމާޢީ ޒިއްމާގެ ދަށުން ކޮށްދޭ ކަމެއް ކަމަށެވެ. މިގޮތުން މިފަދަ ކަންކަމުގައި އެކިއެކި ޖަމްޢިއްޔާތަކަށް ދިރާގުން އަބަދުވެސް އެހީތެރިކަން ދެމުންގެންދާނޭ ކަމަށް އިސްމާޢީލް ވިދާޅުވިއެވެ. ލޯފަން މީހުން ތަމްސީލްކުރާ ޖަމްޢިއްޔާގެ ގިނަ ޙަރަކާތްތަކުގައި ފޯނުގެ ބޭނުން ވަރަށް ބޮޑަށް ހިފަންޖެހޭތީ، މި އެއްބަސްވުމުގެ ސަބަބުން އެ ޖަމްޢިއްޔާގެ މެމްބަރުންނަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނޭކަން އިސްމާޢީލް ފާހަގަކުރެއްވިއެވެ.

ކީރިތި ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭޙަތް ދިނުން ފަދަ ޖަމްޢިއްޔާގެ މެމްބަރުންގެ މެދުގައި ހިންގޭ ތަފާތު ތަރައްޤީއާއި ތަމްރީނު ޕްރޮގުރާމްތައްވެސް ކުރިއަށް ގެންދަވާނީ ފޯނުމެދުވެރިކޮށް ކަމަށްވާތީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަން ކުދިންނަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މި ޚިދުމަތުގެ ސަބަބުން އިތުރަށް މަގުފަހި ވެގެންދާނޭ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.