ޚަބަރު

މާލެ ސަރަޙައްދުގެ ކުނިމެނޭޖްކުރަން ބޭނުންވާ ވެހިކަލްތައް ގެނައުން


މާލެ ސަރަޙައްދުގެ ކުނިމެނޭޖްކުރުމަށް ބޭނުންވާ ވެހިކަލްތައް ގެނައުމަށް ވޭސްޓް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުން އިތުރު 2 ކުންފުންޏަކާއެކު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތައް ވެފައިވަނީ ގްރީޒް މޮންކީޒްއާއި ސެނޮކް ޓްރޭޑް ކޮމްބައިންއާއެކުގައެވެ. ކުނީގެ މައްސަލަ ޙައްލުކުރެއްވުމަކީ، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމާއި ތިމާވެށީގެ ރައްކާތެރިކަމާއި ރައްޔިތުންނަށް ކުނީގެ ސަބަބުން ކުރިމަތިވާ ދަތިތައް ޙައްލުކުރެއްވުމަކީ ސަރުކާރުގެ މަސައްކަތްތަކުގެ ދަށުން އިސްކަންދެއްވާ އެއްކަންތަކެވެ. ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރެއްވުމަށް ވެމްކޯ މެދުވެރިކުރައްވައިގެން ސަރުކާރުން ކުރައްވާ އެއް މަސައްކަތަކީ މާލޭގެ ކުނި މެނޭޖްކުރުން ހަރުދަނާ ކުރެއްވުމެވެ. މިކަމަށް ހިންގަވާ މަޝްރޫޢުގެ ދަށުން މާލޭގެ ކުނިމެނޭޖް ކުރުމަށް ގެންނަ ވެހިކަލް ގެނައުމަށް އިތުރު ފަރާތްތަކާއެކު ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ މާލެ ސަރަޙައްދުގެ ކުނިމެނޭޖްކުރުމުގެ މަސައްކަތުގެ ދަށުން ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ ބައެއް އާލާތައް މި ހަތަރު އެއްބަސްވުމުގެ ދަށުން މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިތަކެތި 3 މަހެއްހާ ދުވަހުގެތެރޭގައި މާލެ ގެނެވޭނެކަމުގައި ފުވާދު ވިދާޅުވިއެވެ.

ވެމްކޯއިން ވަނީ މީގެ ކުރިންވެސް ކުނި ކަލެކްޓްކުރުމަށް ބޭނުންވާ ވެހިކަލް ގެނައުމަށް އިތުރު ފަރާތްތަކާ ޙަވާލު ކޮށްފައެވެ. ކުނި ކަލެކްޓް ކުރުމަށް ގެންނަ ވެހިކަލްތަކަށް އެކަނިވެސް 25 މިލިއަން ރުފިޔާ ހޭދަވާކަން ފުއާދު ފާހަގަކުރެއްވިއެވެ. ފުއާދު ވިދާޅުވީ ކުނި ކަލެކްޓް ކުރުމަށް ގެންނަ ވެހިކަލްތަކަކީ މާލެއަށް ޚާއްޞަކޮށްގެން ރައްކާތެރި ގޮތެއްގައި ކުނި އުފުލޭނެ ފަދަ ގޮތަކަށް ފަރުމާކޮށްގެން ގެންނަ ވެހިކަލްތަކެއް ކަމަށެވެ. މިގޮތުން މި ވެހިކަލްތަކަކީ މަތި ބަންދުކޮށްފައިވާ ވެހިކަލްތަކެއް ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ވޭސްޓް ކަލެކްޝަން ސެންޓަރެއް ޤާއިމް ކުރުމަށް އިންޑަސްޓްރިއަލް ވިލެޖުން ވެމްކޯއަށް ދެއްވަން ހަމަޖެހިފައިވާ ބިން މި މަހުގެތެރޭގައި ވެމްކޯއާ ޙަވާލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.