ޚަބަރު

ސަރުކާރުގެ ފަރާތުން ހަތަރު ޤާނޫނަކަށް އިޞްލާޙު ހުށަހަޅުއްވައިފި


ސަރުކާރުގެ ފަރާތުން ހަތަރު ޤާނޫނަކަށް އިޞްލާޙު ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން އިޞްލާޙް ހުށަހެޅުއްވީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ކަނޑުގައި ދުއްވާ އުޅަނދުތަކާބެހޭ ޤާނޫނާއި ދިވެހިރާއްޖޭގެ ބަނދަރު ކުލި ނެގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށެވެ. ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުޢާޒު މުޙައްމަދު މަޖިލީހަށް ހުށަހެޅުއްވި އިންތިޚާބުތަކާބެހޭ ޤާނޫނުގެ އިޞްލާޙްގައި ބުނެފައި ވަނީ އިންތިޚާބުތަކުގައި ވޯޓުލާއިރު ވޯޓުލާ ކެނޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމަށްފަހު އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ކަރުދާހަކީ ބާތިލް ވޯޓެއް ކަމަށް ބެލެވޭނެ ކަމަށެވެ. އިންތިޚާބުތަކާބެހޭ ޤާނޫނަށް އެފަދަ އިޞްލާޙެއް ހުށަހެޅުއްވިއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަޙްމަދުވެސް ވަނަ އެފަދަ އިޞްލާޙެއް ހުށަހަޅުއްވާފައެވެ. މިއިސްލާހުގައި ވަނީ އެ އިދާރީ ދާއިރާއަކުން ނުވަތަ އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައިވާ ކޮންމެ ވޯޓް ކަރުދާހަކީ ބާޠިލް ވޯޓް ކަރުދާހެއް ކަމަށެވެ.

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމާބެހޭ ޤާނޫނަށް މާވަށު ދާއިރާގެ މެމްބަރު އަޙްމަދު އަޒްހާން ފަހުމީ ހުށަހެޅުއްވި އިޞްލާޙްގައި ބުނެފައި ވަނީ އިސްތިސްނާވާ ކަނޑުއުޅަނދުފަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގައި ބޭނުންކުރާ އުޅަނދުފަހަރު ހިމެނިފައި ނުވާތީ އެ މުއައްސަސާގެ މެރިން ޕޮލިސްގެ ޚިދުމަތްތަކަށް ކުރިމަތިވަމުންދަ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުފަހަރުތައް އިސްތިސްނާކުރުމުގެ ގޮތުން އެ ޤާނޫނަށް އިޞްލާޙް ހުށަހަޅުއްވާ ކަމަށެވެ.

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމާބެހޭ ޤާނޫނަށް އިޞްލާޙް ހުށަހެޅުއްވުމުގެ އިތުރުން އަޒްހާން ވަނީ ދިވެހިރާއްޖޭގެ ބަނދަރުކުލި ނެގުމުގެ ޤާނޫނަށްވެސް އިޞްލާޙް ހުށަހަޅުއްވާފައެވެ. އެގޮތުން އެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙުގައި ވަނީ ދިވެހިރާއްޖޭގެ ބަނދަރަކަށް ރާއްޖެއިން ބޭރުން އަންނަ 200 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 200 ރުފިޔާ ނަގަން ހުށަހަޅުއްވާ ކަމަށެވެ. އަދި 200 ގްރޮސް ޓަނުން ފެށިގެން 1000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 300 ރުފިޔާ ނަގަންޖެހޭ ގޮތަށް އެ ޤާނޫނަށް ވަނީ އިޞްލާޙް ހުށަހަޅުއްވާފައެވެ. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙްގައި ވަނީ 1000 ގްރޮސް ޓަނުން ފެށިގެން 2000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 400 ރުފިޔާ ނަގަންޖެހޭނެ ކަމަށެވެ.