ވިޔަފާރި

ރާއްޖެއަކީ ވިޔަފާރިއަށް ފަހި މާޙައުލެއް އޮތް ޤައުމެއް- އެންޑްރޫ


ރާއްޖެއަކީ، ވިޔަފާރިއަށް އިންވެސްޓަރުން ޝައުގުވެރިވާފަދަ ތަނެއްކަމަށާއި، ޓެކްސް އަދި ޝަރުޢީ ގޮތުން ވިޔަފާރިއަށް ފަހި މާޙައުލެއް ދިވެހިރާއްޖޭގައި އެބައޮތްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މިހެން ވިދާޅުވެފައިވަނީ، މިދިޔަ ހަފްތާގައި ވިއެޓްނާމްގައި ބޭއްވި އޭޝިއަން ބޭންކަރޒް އެސޯސިއޭޝަން (އޭބީއޭ)ގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގަ ވާހަކަ ދައްކަވަމުން ހީލީ ވިދާޅުވީ، ތަރައްގީވަމުން އަންނަ ކޮންމެ ގައުމަކަށްވެސް ހަރަކާތްތެރި، ވާދަވެރި ބޭންކިންގ ދާއިރާއެއް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމަށެވެ. މިގޮތުން ރާއްޖޭގައި މި ދާއިރާ ދަނީ ރަނގަޅު މިސްރާބަކަށްކަން ފާހަގަކުރައްވަމުން ހީލީ ވިދާޅުވީ، ފާއިތުވެދިޔަ މަސްތަކުގެތެރޭގައި އެކަނިވެސް އާ ބޭންކެއްވަނީ ޚިދުމަތް ދޭން ފަށާފައިވާއިރު، އިތުރު އާ ކުންފުނިތަކެއް ރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި ލިސްޓްކޮށްފައިވާކަމަށެވެ. 

ހީލީ ވިދާޅުވީ، އެތައްހާސް ފަރުދުންނާއި އާއިލާތަކާއި ވިޔަފާރިތަކުގެ ބައިވެރިއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ބީއެމްއެލްއިން ދަނީ ފަޚުރުވެރިކަމާއެކު އިސް ދައުރެއް އަދާކުރަމުންކަމަށެވެ. ބޭންކުގެ ފައިނޭންޝަލް، ކްރެޑިޓް އަދި ކެޕިޓަލް ރޭޝިއޯއަށް ބަލާއިރު އޭޝިޔާގެ އެހެން ބޭންކްތަކާއި އަޅާބަލާއިރު ބީއެމްއެލް ރަނގަޅު ކަމަށާއި، ބޭންކުގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ބީއެމްއެލްއިން ވޭތުވެދިޔަ 2 އަހަރުގެ ތެރޭ ކޮންމެ އަހަރަކު 10 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާކަން ހީލީ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އިންވެސްޓްމަންޓް މިއަށްވުރެވެސް އިތުރު ވެގެންދާނޭކަމަށް ހީލީ ވިދާޅުވިއެވެ. 

އެންޑްރޫ އިތުރަށް ވިދާޅުވީ ދާދި ފަހުން ރާއްޖޭގެ ފުރަތަމަ ސޮވަރިން ކްރެޑިޓް ރޭޓިންގ ޝާއިޢުކުރުން ވެގެން ދިޔައީ ވިޔަފާރީގެ އިތުރު މަސައްކަތްތައް ރާއްޖޭގައި ފެށުމަށް އިންވެސްޓަރުންނަށް އިތުބާރު ލިބިގެންދިޔަ ކަމެއްކަމަށެވެ. ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ބީއެމްއެލްއާ ގުޅިވަޑައިގަތީ ދެހާސް ސާދަވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. ހީލީ ފުރަތަމަ ފަހަރަށް އޭބީއޭގެ ބޯޑަށް އިންތިޚާބު ކުރެވުނީ އެ އަހަރުގެ ނޮވެންބަރު މަހުއެވެ. އެންޑްރޫ ހީލީ އަކީ އޭބީއޭ ބޯޑުގައި ރާއްޖެ ތަމްސީލްކުރައްވާ ހަމައެކަނި ފަރާތްކަން ފާހަގަކޮށްލެވެއެވެ.