ޚަބަރު

މަގުމަތީގެ ޤާނޫނުތަކަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް


ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ރޯޑް ސޭފްޓީ ކެމްޕޭންގެ ދަށުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި މަގުމަތީގެ އަދަބުތަކާއި ގުޅޭ ގޮތުން ފުވައްމުލަކު ސިޓީގެ ޢާންމު ރައްޔިތުން ޙޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިކަމާބެހޭ މައުލޫމާތު ފޯރުކޮށްދެއްވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، ފުވައްމުލައް ސިޓީ ކައުންސިލާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިވަޑައިގެން، ޙޭލުންތެރިކުރުވުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުވުމުގައި އެރަށުގައި އާންމު ރައްޔިތުންނާއި، ފުވައްމުލަކު ސިޓީގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި ވިއްސަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ. މި ބައްްދަލުވުމުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި،  މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، މަގުމަތީގެ ނިޝާން ތަށް ބޭނުންކުރާނެ ގޮތާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން އެކްސިޑެންޓުތައް ވާ މައިގަނޑު ސަބަބުތަކާއި، ފަސްޓް އެއިޑު ދޭނެ ގޮތްތަކާއި ގުޅޭ ފަންނީ މަޢުލޫމާތު މަސައްކަތުގެ ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މިބައްދަލުވުމުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ، ޓްރާންސްޕޯޓް އޮތޯރިޓީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނެވެ.

ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދަވާ ރޯޑް ސޭފްޓީ ކެމްޕޭނަކީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ޢާންމުން ޙޭލުންތެރިކުރުވާއި، މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން ހިންގާ ކެންޕޭނެކެވެ. މި ކެންޕޭންގެ ދަށުން ތަފާތު ޙަރަކާތްތަށް ހިންގުމަށް ހަމަޖެހިފައިވެއެވެ.