ޚަބަރު

ފްލައިމީގެ ދަތުރުތައް ކާޑެއްދޫއަށް ފަށައިފި


ފްލައިމީން މާލެއާއި ގދ. ކާޑެއްދޫއާ ދެމެދު ދަތުރުތައް ފަށައިފިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31ގެ ނިޔަލަށްކުރުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ދަތުރުތަކުގެ ޓިކެޓް، 888 ރުފިޔާގެ ޚާއްޞަ ފެއަރއެއްގައި ވިއްކާނެކަމަށް ފްލައިމީއިން ބުނެއެވެ. މީގެއިތުރުން ގދ. މަޑަވެލި، ހޯޑެއްދޫ އަދި ތިނަދުއަށް ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންނަށް ފެރީ ޓިކެޓާއެކު އެއަރފެއަރ، 1010 ރުފިޔާއިން ފެށިގެން ލިބޭނެ ކަމަށް ފްލައިމީއިން ބުނެއެވެ.

މާލެއިން ކާޑެއްދުއަށް ފުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 8:00 ޖަހާއިރުއެވެ. ކާޑެއްދޫން ފްލައިޓު އެނބުރިމާލެ އަންނަން ފުރަން ހަމަޖެހިފައިވަނީ ހެނދުނު 9:40ގައި ކަމަށްވެސް ފްލައިމީއިން މައުލޫމާތުދެއެވެ. އެ އެއަރލައިންގައި ދަތުރުކުރަން ބޭނުންވާ ފަސިންޖަރުންނަށް، ފްލައިމީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓު ނެގުމުގެ އިންތިޒާމުވެސް މިހާރުވަނީ ތަޢާރަފްކޮށްފައެވެ. އެ އެއަރލައިނުން ބުނީ، މިމަހުގެ 2 އިން ފެށިގެން މިޚާއްޞަ ދަތުރުތަކުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، މި ދަތުރުތަކަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށެވެ.

ފްލައިމީން އަންނަނީ އދ މާމިގިއްޔަށާއި ބ.ދަރަވަންދުއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.