ޚަބަރު

ސްރީލަންކަން އެއަރލައިންގެ ދަތުރުތައް އަންނަމަހު ގަމަށް


ސްރީލަންކަން އެއަރލައިނުން ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހު، އައްޑޫ ސިޓީ ގަމަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަނުން އެކަމަށް ފުރިހަމަޔަށް ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަމަށް އެ ދެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

ސްރީލަންކަން އެއަރލައިންގެ ދަތުރުތައް އައްޑޫސިޓީ ގަމަށް ފެށުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްޞާކުރައްވަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، އަންނަ މަހުގެ އެއްވަނަ ދުވަހު ސްރީލަންކަންގެ ދަތުރުތައް ކޮލަމްބޯއިން ގަމަށް ފެށުމަށް ތައްޔާރުވާއިރު، ދަތުރުވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ކަސްޓަމްސުން ތައްޔާރުވެފައިވެވަޑައިގެންފައިވާ ކަމަށެވެ. މިގޮތުން ދަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ކަސްޓަމްސުން ކުރައްވަންޖެހޭ މައިގަނޑު މަސައްކަތްތައް ނިމިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ވިދާޅުވެއެވެ. ސްރީލަންކަންއިން ގަމަށް ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކާ ބެހޭގޮތުން މޯލްޑިވްސް މޯލްޑިވްސް އިމިގްރޭޝަނުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގެ ގަމަށް ސްރީލަންކަން އެއަރލައިންގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް އިމިގްރޭޝަނަށް އެނގިވަޑައިގަތުމުން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވައި، އިމިގްރޭޝަންގެ ކްލިއަރަންސްގެ ކަންކަން ހަމަޖެއްސެވުމަށް މަސައްކަތް ފަށްޓަވާފައިވާކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14611560028257.jpg|ސްރީލަންކަން އެއަރލައިންގެ މަތިންދާބޯޓެއް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ޝެޑިއުލް ފްލައިޓުން ދަތުރުކުރާ ދިވެހިންނާއި ފަތުރުވެރިންނަށް އިމިގްރޭޝަން ކްލިއަރަންސް ޚިދުމަތްތައް ދެވޭވަރަށް އިމިގްރޭޝަނުން ކުރައްވަންޖެހޭ ތައްޔާރީތައް ކުރައްވާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް ދެއްވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. ކޮލަމްބޯއިން ގަމަށް ސްރީލަންކަން އެއަރލައިނުން ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި އިމިގްރޭޝަނުން ތައްޔާރުކަމަށް ވިދާޅުވެފައިވާއިރު، ސްރީލަންކަން އެއަރލައިންގެ ރާއްޖޭގެ އޭޖެންޓް އިނަރ މޯލްޑިވްސްއިން ވިދާޅުވީ، ކަނޑައެޅިފައިވާ ތާރީޚާށް ދަތުރުތައް ފެށުމުގެ ގޮތުން ކުރަންޖެހޭ ތައްޔާރީތައް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ. 

މި ދަތުރުތަކާ ބެހޭގޮތުން ސްރީލަންކަން އެއަރލައިނުން ވިދާޅުވީ، އެ އެއަރލައިންގެ ދަތުރުތައް ގަމަށް ފެށުމުން، އައްޑޫސިޓީގެ ރައްޔިތުންނަށް އެތައް ގޮތަކުން ކުރިއެރުންތައް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން އައްޑޫސިޓީގެ ރައްޔިތުން ކޮލަމްބޯއަށް ދަތުރުކުރެއްވުމަށް ލުއި ފަސޭހަކަން ލިބިގެންދާއިރު، މި ދަތުރުތަކުގެ ސަބަބުން އައްޑޫސިޓީގެ ޓޫރިޒަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނޭކަމަށް ސްރީލަންކަން އެއަރލައިނުން ވަނީ ފާހަގަކޮށްފައެވެ.