ޚަބަރު

ބަޖެޓް ބަހުސް ނިންމަވާލައްވައިފި


އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގެ ބަޙުސް މަރުޙަލާ ނިންމަވާލައްވައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ބަހުސް ފަށްޓަވާފައި ވަނީ މިދިޔަ ހޯމަދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ސަރުކާރުން ހުށަހެޅުއްވި 26 ބިލިޔަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި މަޖިލީހުގެ ކޮންމެ މެމްބަރަކަށްވެސް ޖުމުލަ 22 މިނެޓުގެ ވަގުތެއް ރިޔާސަތުން ވަނީ ދެއްވާފައެވެ. އެގޮތުން ފުރަތަމަ ބުރުގައި ކޮންމެ މެމްބަރަކަށްވެސް 15 މިނެޓު ބަޖެޓަށް ބަހުސް ކުރެއްވުމަށް ވަނީ ދެއްވާފައެވެ. ބަޖެޓް ދިރާސާކުރައްވާ ކޮމެޓީން ބަޖެޓްގެ މަސައްކަތްތައް ނިންމާލައްވާ މަޖިލިސް ތަޅުމަށް ހުށަހެޅުއްވުމުން ކޮމެޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ރިޔާސަތުން ހުޅުވާލައްވާނެއެވެ. އެގޮތުން އެ ފުރުޞަތުގައި ކޮންމެ މެމްބަރަކަށްވެސް ހަތް މިނެޓުގެ ފުރުޞަތެއް އޮތްކަން ފާހަގަކޮށްލެވެއެވެ.

އަންނަ އަހަރުގެ ބަޖެޓަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ، ބަޖެޓަށް ތާއީދުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ބަޖެޓަށް ތާއީދުކުރެއްވި މެމްބަރުން ވަނީ މިބަޖެޓަކީ ތަރައްޤީގެ މަޝްރޫޢުތައް ގިނަ ބަޖެޓެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރާނެ ބަޖެޓެއްކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. ބަޖެޓާމެދު ފާޑުވިދާޅުވެ ވާހަކަފުޅުދެއްކެވި މެމްބަރުން ވަނީ، މިބަޖެޓަށް ބައެއް އިޞްލާޙުތައް ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ.

އަންނަ އަހަރުގެ ބަޖެޓްގައި 13.2 ބިލިއަން ރުފިޔާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ކެޕިޓަލް ޚަރަދުގެ 60 އިންސައްތަ ހޭދަކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ނުވަތަ ޕީ.އެސް.އައި.ޕީ އަށްކަން ފާހަގަކޮށްލެވެއެވެ. އަންނަ އަހަރަށް ލަފާކުރައްވާފައިވާ ބަޖެޓު ޑެފިސިޓަކީ 304 މިލިއަން ރުފިޔާއެވެ. މިއީ ޖީ.ޑީ.ޕީގެ 0.5 އިންސައްތައެވެ.