ޚަބަރު

ނައިފަރު ކައުންސިލުގެ ނައިބޮލި ވޮލީބޯޅަ މުބާރާތް ފަށައިފި


  • ދެ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 75000 ރުފިޔާ ވަނީ ކަނޑައަޅާފައި

ނައިފަރު ކައުންސިލުގެ ވޮލީބޯޅަ މުބާރާތް 'ނައިބޮލި ވޮލީބޯލް ޗެލެންޖް 2026' ފަށައިފިއެވެ. ނައިބޮލި ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ މުބާރާތް ފައްޓަވައިދެއްވީ ކައުންސިލު ރައީސް މުޙައްމަދު ރަޝީދެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ނައިފަރު ޗެލްސީ ސްޕޯރޓްސް ކްލަބެވެ. އަންހެން ޑިވިޝަންގެ މެޗު ނައިފަރު ޗެލްސީން ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން ޖީޖީ ސްޕޯރޓްސް އެކަޑަމީއާ ވާދަކޮށް ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތައް ނައިފަރު ޗެލްސީން ގެންދިޔައީ 25-16, 25-19 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނައިފަރު ޗެލްސީއަށް ކުޅޭ ކިރްގިސްތާނުގެ ރޯޒާއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ބަޒޫކާ ސްޕޯރޓްސް ކުލަބެވެ. އެއީ އެޕެކްސް ސްޕޯރޓްސް ކުލަބާ ވާދަކޮށް ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓްތައް ބަޒޫކާ އިން ގެންދިޔައީ 25-12, 25-17 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބަޒޫކާއަށް ކުޅޭ ލަންކާ ކުޅުންތެރިޔާ މަހޭލާއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެފަހަރު ވާދަކޮށް ކުރި ހޯދާ ދެޓީމެވެ. ފިރިހެން ޑިވިޝަންގެ ފައިނަލުގެ ސީދާ ޖާގަ ލިބޭނީ ލީގު ބުރެއް ކުޅެ އެއްވަނަ ހޯދާ ޓީމަކަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމު ވާދަކުރާ ސެމީފައިނަލުން ކުރި ހޯދާ ޓީމަކަށެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އަދި އަންހެން ޑިވިޝަންގެ ޗެމެޕިއަން ޓީމަށް 25,000 ރުފިޔާ ނައިފަރު ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.