ޚަބަރު

އެމެރިކާގެ ދަތިކުރުމާއެކުވެސް އީރާނުން އެލްޕީޖީއާއި ޖެޓް ފިއުލް ބޭރުކުރޭ


އެމެރިކާއިން އީރާނުގެ އުޅަނދުފަހަރަށް ހުރަސް އެޅި ނަމަވެސް ޖުލައި މަހުން ފެށިގެން އީރާނުން ކޮންމެވެސް މިންވަރަކަށް އެލްޕީޖީއާއި ޖެޓް ފިއުލް އެކްސްޕޯޓުކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެމެރިކާއިން އީރާނުގެ އުޅަނދުފަހަރަށް ހުރަސް އަޅަން ފަށާފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 13ވަނަ ދުވަހުއެވެ. ޖޫން މަހުގެ ތެރޭގައި އެެމެރިކާއާއި އީރާނުން އިބްތިދާޢީ އެއްބަސްވުމަކާ ހަމައަށް އައުމުން އެމެރިކާއިން ވަނީ އީރާނުގެ އުޅަނދުފަހަރަށް ދަތިކުރުން މެދުކަނޑާލައިފައެވެ. ނަމަވެސް އެއްބަސްވުން ރޫޅުމުން ޖުލައި މަހުގެ 14 ވަނަ ދުވަހު އެމެރިކާއިން ވަނީ އަލުން އީރާނުގެ އުޅަނދުތަކަށް ދަތިކުރަން ފަށައިފައެވެ.

ސަލާމަތީ މަސްދަރުތަކުން ބުނީ ކެއްކުމަށާއި ހޫނުކުރުމަށް ބޭނުންކުރާ އެލްޕީޖީއާއި ޖެޓް ފިއުލް އީރާނުން ބޭރުކުރަނީ އެއީ އީރާނުން އެކްސްޕޯޓުކޮށްފައިވާ ތެޔޮކަން ފާހަގަނުވާ ގޮތަށް ކަމަށެވެ. ބަނދަރުތަކަށް އެ މުދާ ބޭލުމުގެ ބަދަލުގައި ކަނޑުމަތިން އެއް އުޅަނދުން އަނެއް އުޅަނދަށް މުދާ ބަދަލުކުރާ ކަމަށް އެ މަސްދަރުތަކުން ބުނެއެވެ. އެ ގޮތަށް ކަންތައް ކުރުމުން އެ މުދަލަކީ ކޮން ޤައުމަކުން އެކްސްޕޯޓުކޮށްފައިވާ މުދަލެއްކަން ދެނެގަތުމަށް އުނދަގޫވެއެވެ.

އީރާނަށް މި ގޮތަށް ބޭރުކުރެވެނީ މީގެ ކުރިން އެ ޤައުމުން އެކްސްޕޯޓު ކުރަމުންދިޔަ އެލްޕީޖީއާއި ޖެޓް ފިއުލްގެ މަދު ނިސްބަތެއް ނަމަވެސް، އެ ވަރަށް ވެސް އެ ތަކެތި އެކްސްޕޯޓް ކުރެވޭ ކުރެވުން ހާމަކޮށްދެނީ އެމެރިކާއިން އެ ޤައުމަށް ހުރަސްއެޅި ނަމަވެސް އީރާނުން މަގުތައް ތަނަވަސްކުރަމުންދާ ކަމެވެެ.

ޔުނައިޓެޑް އަގެއިންސްޓް ނިއުކްލިއަރ އީރާން (ޔޫއޭއެންއައި)އިން ބުނީ އީރާނުގެ އެލްޕީޖީ ބަރުކޮށްފައިވާ އަށް ޓޭންކަރެއް މިއަހަރުގެ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ގަލްފް އޮފް އޮމާން ހުރަސްކޮށް ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ސެޓެލައިޓް ފޮޓޮއާއި ސިންމެކްސް ކިޔާ ކުންފުންޏަކުން އެއްކޮށްފައިވާ މަޢުލޫމާތުން އީރާނުގެ ޖެޓް ފިއުލް ބަރުކޮށްގެން ދަތުރުކުރި ޓޭންކަރެއް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިޔަންމާއަށް ފޯރާފައިވާ ކަން އެނގެއެވެ. މިޔަންމާއަކީ އެ ޤައުމުގެ ޖެޓް ފިއުލް ސިނާޢަތައް އަމާޒުކޮށް އެމެރިކާއިން ޚާއްޞަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ޤައުމެކެވެ.

ޖުލައި މަހުން ފެށިގެން ގަލްފް އޮފް އޮމާން ހުރަސްކޮށްފައިވާ އަށް ގޭސް އަދި ޖެޓް ފިއުލް ޓޭންކަރުގެ ތެރެއިން ހަ ޓޭންކަރަކީ އީރާނުގެ ޕެޓްރޯލިއަމްއާއި ޕެޓްރޯކެމިކަލް އުފެއްދުންތައް އުފުލައިދިނުމުގެ ތުހުމަތުގައި އެ އުޅަނދުތަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވާ އުޅަނދުތަކެކެވެ. މި އަށް އުޅަނދު މެދުވެރިކޮށް ގާތްގަނޑަކަށް 4.1 މިލިއަން ފީފާގެ އެލްޕީޖީ އީރާނުން ބޭރުކޮށްފައިވާ ކަމަށް ބެލެވެއެވެ.