ޚަބަރު

ދައުލަތުގެ މުއައްސަސާތަކުގައި ހުރި މުސާރައިގެ ފަރަގު ކުޑަކުރަނީ


ދައުލަތުގެ އެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައިގެ ފަރަގު، އަންނަ އަހަރުގެ ތެރޭގައި ކުޑަކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު މިހެން ވިދާޅުވީ މިނިވަން މުއައްސަސާތަކުން އެދިވަޑައިގެންފައިވާ މިންވަރަށް އަންނަ އަހަރު ބަޖެޓް ދެއްވުމާ ގުޅޭގޮތުން މިއަދު އޮތް ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަލާއިރު މުވައްޒަފުންގެ މުސާރައަށް ވަރަށް ބޮޑު ޢަދަދެއް ހޭދަކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޕޭ ރިވިއު ކޮމިޝަނުން މުވައްޒަފުންގެ މެދުގައި އޮންނަ މުސާރައިގެ ތަފާތު ކުރުންތައް އަންނަ އަހަރު ކުޑަކުރައްވާނެ ކަމަށެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުގެ ރައީސް ރައީސް އަދި ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ އެޑްމިނިސްޓްރޭޓިވް ލެވެލްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްގެ މުސާރައާއި ސަރުކާރުގެ ވުޒާރާއެއްގެ އެޑްމިނިސްޓްރޭޓިވް ލެވެލްގައި މަސައްކަތްކުރާ މުވައްޒަފެއްގެ މުސާރަ ތަފާތުވުމަކީ އިންސާފެއް ނޫން ކަމަށާއި އެކަމަކީ އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ. މުވައްޒަފުންގެ މުސާރަ މުރާޖަޢާ ކުރައްވަން އަންނަ އަހަރު ފަށްޓަވާއިރު، މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އެކި އިދާރާތަކާއެކު މަޝްވަރާކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތު ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޕޭ ރިވިއު ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެ މުވައްޒަފުންނަށް ދެވިދާނެ ޢިނާޔަތްތަކާއި ވަޒީފާއިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާއިރު ޢިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެކެވެ.