ޚަބަރު

ފުވައްމުލައް ސިޓީގައި ރޯޑް ސޭފްޓީ ކެމްޕޭނެއް ފަށްޓަވައިފި


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާމެދު ޢާންމުން ޙޭލުންތެރިކުރުވައި، މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން މަގުމަތީގެ ސަލާމަތާބެހޭ ކެމްްޕެއިނެއް ފުވައްމުލައް ސިޓީގައި ފަށްޓަވައިފިއެވެ. މި ކެމްޕޭން ކުރިއަށް ގެންދަަވަނީ ފުވައްމަލައް ސިޓީ ކައުންސިލުން އިސްނަންގަވައިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިވަޑައިގެންނެވެ.

ފުވައްމުލައް ސިޓީގައި 12،000 އަށްވުރެ ގިނަ މީހުން ދިިިރިއުޅެއެވެ. މިސިޓީގެ މަގުތަކަކީ އެންމެނަށް ރައްކާތެރި އަމާން ތަނަކަށް ހެއްދުވުމަށް ފުވައްމުލަކު ސިޓީ ކައުންިސލުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. ފުވައްމަލައް ސިޓީ އަކީވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރު ރަށެކެވެ. މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ފުވައްމުލައް ސިޓީގައި ފެއްޓެވި ކެމްޕެއިންގެ މަޤްޞަދަކީ މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް، މަގުމަތިީގެ އަދަބުތަކާއި، މަގުތައް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި މެދު އާންމުން ޙޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރެއްވުމެވެ.

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި މިކެމްޕެއިން އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ. މުޙައްމަދު ޙަބީބެވެ. މަގުމަތީގެ ސަލާމަތާބެހޭ ކެމްޕެއިން އިފްތިތާހުކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ. މުޙައްމަދު ޙަބީބު ވިދާޅުވީ، މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެކަނި މަސައްކަތްކޮށްގެން މަދުނުކުރެވޭނެ ކަމަށާއި މިކަން ކޮންޓްރޯލް ކުރެއްވުމަށް ފަރުދީ ޒިންމާ އިސްކުރަންޖެހޭ ކަމަށެވެ. ޑރ. ޙަބީބުގެ ވާހަކާގައިި، ދުނިޔޭގައި އަހަރަކު އެތައް މިލިއަން މީހުން މަގުމަތީގައި ހިނގާ ތަފާތު އެކި އެކްސިޑެންޓުތަކުގައި މަރުވާކަން ފާހަގަކުރައްވާ، މިއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިފަދަ ކެމްޕޭނެެއް އެސިޓީގައި ފެށްޓެވުމުގެ ބޭނުމަކީ، ފުވައްމުލައް ސިޓީ އަކީ ދުނިޔޭގައިވާ އެންމެ އުފާވެރި ސިޓީއަށް ހެއްދެވުމަށް ކުރައްވާ މަަސައްކަތުގެ ދަށުން އެސިޓީއަކީ އަމާން އެންމެނަށް ރައްކާތެރި ތަނަކަށް ހެއްދެވުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރު އަޙުމަދު މުޖުތަބާ އަބްދުﷲ ދެއްކެވި ވާހަކަގައި ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ފުވައްމުލައް ސިޓީގެ ޕޮލިސް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ރަމްޒީ ވިދާޅުވީ، އާބާދީ ބޮޑު ފުވައްމުލައް ސިޓީގައި ދުއްވާ ވެހިކަލްތައް ދުވަހެއް ދުވަހަކަށް އިތުރަމުންދާ ކަމަށާއި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް އިތުުރުވަމުން އަންނަ ކަމަށެވެ.

ފުވައްމަލައް ސިޓީގައި ކުރިއަށް ގެންދާ މަގުމަތީގެ ސަލާމަތާއި ބެހޭ ކެމްޕޭނުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯއިން ވެސް ބައިވެރިވެއެވެ. މި ކެމްޕޭންގެ ތެރެއިން މަގުމަތީގެ ސަލަމާތާއި ގުޅޭ ތަފާތު މެސެޖު ފޯރުކޮށްދޭ ބިލްބޯޑެއް ވަނީ އިފްތިތާޙުކޮށްފައެވެ. މި ބިލްބޯޑު އިފްތިތާހުކޮށްދެއްވީ ޑަބްލިޔުއެޗްއިން ރާއްޖެއަިން ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އަރުވިންދު މާތުރެވެ.

މަގުމަތީގެ ސަލަމާތައި ބެހޭ ކެމްޕޭނުގެ ދަށުން، ފުވައްމުލަކު ސިޓީގެ ޒުވާނުންނަށް މަޢުލޫމާތު ދެއްވުމަށް ޚާއްސަ ބައްދަލުވުންތަކެއް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖައްސަވާފައެވެ. ދުއްވަމުން ފޯނު ބޭނުންކުރުމުން ކުރިމަތިވާ އެކްސިޑެންޓުތަކާއި، މަޑު ދުވެލީގައި ދުއްވަން އާދަކުރުމާއި، ދުުއްވާއިރު ހެލްމެޓް އެޅުން ފަދަ ކަންކަން ކުރުމަށް ބާރު އެޅުމާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.

ކެމްޕޭން ފެއްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އިސްވެރިންނާއި ސިޓީގައި ހުރި ދައުލަތުގެ އެކި އިދާރާތަކުން ބައިވެރިވެފައިވެއެވެ. މި ކެމްޕޭންގައި، ޓްރާންސްޕޯޓު އޮތޯރިޓީއާއި، ޑަބްލިޔުއެޗްއޯ، އެޗްޕިއޭ، މޯލްޑިވްސް ޕޮލިސް ސަރވިސް، އަދި ދިވެހި ރެޑްކްރެސެންޓުން ބައިވެރިވެއެވެ.