ޚަބަރު

"ސެޓިފިކެޓް އިން އެކުއާޓީކް ރެކްރިއޭޝަން" ކޯހުގެ ތިންވަނަ ބެޗު


ދަސްވާރު ޕްރޮގްރާމްގެ ދަށުން މިއަހަރު އަލަށް ފެއްޓެވި "ސެޓިފިކެޓް އިން އެކުއާޓީކް ރެކްރިއޭޝަން" ކޯހުގެ ތިންވަނަ ބެޗު ޚާއްޞަކުރައްވާފައިވަނީ އައްޑޫ ސިޓީގެ ސްކޫލްތަކަށް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

"ދަސްވާރު" ޕްރޮގްރާމަކީ އެއްވެސް ކުއްޖަކު ބާކީނުކުރައްވައި ތަޢުލީމު ދެއްވުމުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް އިތުރު ފަހި ފުރުޞަތުތަކެއް ތަނަވަސް ކޮށްދެއްވުމުގެ ގޮތުންނާއި އަދި ދަރިވަރުން ދަސްކުރާހިތްވާ، ވަޒީފާގެ ބާޒާރުގައި ވަޒީފާ ލިބެންހުރި ދާއިރާތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހިންގަވާ ޕްރޮގްރާމެކެވެ.

ގްރޭޑް 10 ގައި ތަޢުލީމް ޙާޞިލްކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރައްވައިގެން ހިންގަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެއްޓެވީ 2014 ވަނަ އަހަރުއެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 557 ދަރިވަރުން މިހާތަނަށް ލެވެލް 3 ގެ ސަނަދު ޙާޞިލްކޮށްފައިވެއެވެ. އަދި މިއަހަރު މުޅި ރާއްޖެއިން 168 ސްކޫލަކުން 1480 ދަރިވަރުން މިޕްރޮގްރާމް ފުރިހަމަކުރަމުން އެބަގެންދެއެވެ. ދަސްވާރު ޕްރޮގްރާމްގެ ތެރެއިން އެންމެ ފަހުން ތަޢާރަފްކުރެއްވި ކޯހަކީ ސެޓްފިކެޓް ލެވެލް 3 ސެޓިފިކެޓް އިން އެކުއާޓިކް ރެކްރިއޭޝަނެވެ. މާލޭގެ ސްކޫލްތަކުން ކުދިން ހިމަނައިގެން ހިންގި ފުރަތަމަ ބެޗުގެ ޓްރެއިނިންގް ނިމިފައިވާއިރު، މިހާރު މަސައްކަތް ކުރަމުންދަނީ އިތުރު ދެބެޗެއް މިމަހުގެ ތެރޭގައި ފެއްޓެވުމަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައްލޫމާތުދެއްވައެވެ. އެގޮތުން ފުރަތަމަ ބެޗަށް މާލޭގެ ސްކޫލްތަކުން ކުދިން ހިމެނި ނަމަވެސް 3 ވަނަ ބެޗު ޚާއްޞަކޮށްފައިވަނީ އައްޑޫ ސިޓީ ސްކޫލްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ސެޓްފިކެޓް ލެވެލް 3 ސެޓިފިކެޓް އިން އެކުއާޓިކް ރެކްރިއޭޝަން ކޯހުގެ 3 ވަނަ ބެޗުގައި އައްޑޫ ސިޓީގެ ފޭދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލާއި، ހިތަދޫ ސްކޫލާއި، ސ.އަތޮޅު މަދަރުސާ ހިމެނޭ ގޮތައް ޖުމްލަ 29 ކުއްޖަކު ބައިވެރި ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޯސް މި ޑިސެމްބަރުމަހުގެ ފަހުކޮޅު ފެއްޓެވުމަށް ހަމަޖެހިފައިވާއިރު، މިހާރު ކުރިޔަށް ގެންދަވަނީ މި ކޯހަށް އެޕްލައިކުރި ކުދިން، ހޮވުމުގެ މަސައްކަތާއި، މެޑިކަލް ހެދުމުގެ މަސައްކަތެވެ. އައްޑޫ ސިޓީން މިކޯހުގައި ބައިވެރިވާ ކުދިންގެ ދެމަހުގެ ޓްރެއިނިންގް އޮންނާނީ ސަންއައިލޭންޑް ރިސޯޓްގައެވެ. އަދި ދެމަސްދުވަހުގެ ތަމްރީނަށްފަހު އެހެނިހެން ރިސޯޓްތަކުގައި އެއްމަހުގެ އިންޓާންޝިޕްއެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި އެ މިނިސްޓްރީއާއި ވިލާކޮލެޖް ގުޅިގެން ބާއްވާ މި ކޯހުގައި އައްޑޫ ސިޓީން ބައިވެރިވާ ކުދިންގެ ކޯސް ފީ ދައްކާނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.