ޚަބަރު

ސިވިލް ސާރވިސްއަށް ވަނުމަށް ދެވޭ އިމްތިޚާނުގެ 3ވަނަ ބުރު ފަށައިފި


ސިވިލް ސާރވިސްއަށް ވަނުމަށް ދެވޭ އިމްތިޚާނުގެ ތިންވަނަ ބުރު މުޅި ރާއްޖޭގައި އިއްޔެ ފަށްޓަވައިފިއެވެ.

ސިވިލްސަރވިސް ކޮމިޝަނުން ވިދާޅުވީ، 14 ސެންޓަރެއްގައި މި އިމްތިޚާން އިއްޔެ ކުރިއަށްދިޔަކަމަށެވެ. އިމްތިޚާން ހެދުމަށް 246 ކެންޑިޑޭޓުން ރަޖިސްޓްރީކޮށްފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. މި އިމްތިޚާނަކީ ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިގައި ވަކިކަހަލަ ހުނަރުތަކެއް ހުރުން މުހިންމުކަމެއް ކަމަށް ފެންނާތީ، އެޤާބިލުކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާފައިވާ މުގައްރަރެއްގެ މައްޗަށް ތައްޔާރުކުރައްވާފައިވާ އިމްތިހާނެކެވެ.

އިމްތިހާނުގެ މުގައްރަރުގައި ސިވިލް ސަރވިސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ދިވެހިބަހާއި ލިޔުންތެރިކަމުގެ ހުނަރާއި، ހެޔޮގޮތުގައި މުޢާމަލާތްކޮށް ރަނގަޅަށް މުވާސަލާތު ކުރުމުގެ ހުނަރުތަކާއި އިދާރީ ހިންގުމާއި އެޕްޓިޓިއުޑްގެ ހުނަރު ވަޒަންކުރުމުގެ ބައިތައް ހިމަނުއްވާފައިވެއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި ގުޅިގެން ބާއްވަވާ މި އިމްތިހާނުގެ މަޤްޞަދަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ މައިގަނޑު ހުނަރުތައް ލިބިފައިވާ، ވަޒީފާއަށް ޤާބިލު ފަރާތްތަކެއްތޯ ދެނެގަތުންކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.