ޚަބަރު

ކޮންވެންޝަން ސެންޓަރގައި ހޮސްޕިޓަލް ޢިމާރާތްކުރުމަށް ޙާވާލުކޮށްފި


އައްޑޫ ސިޓީގައި ހުންނަ ކޮންވެންޝަން ސެންޓަރުގައި، 100 އެނދުގެ ހޮސްޕިޓަލެއް ޢިމާރާތް ކުރެއްވުމަށް އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މިއަދު ޙަވާލުކުރައްވައިފިއެވެ. މި ހޮސްޕިޓަލްގެ މަސައްކަތް 2018 ވަނަ އަހަރުގެ މޭމަހު ނިންމެވުމަށް ވަނީ ހަމަޖައްސަވާފައެވެ.

އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރެއްވުމަށްޓަކައި ސަރުކާރުން ވަނީ އެ މަސައްކަތް އެލިޔާ ކޮންސްޓްރަކްޝަނާ ޙަވާލުކުރައްވާފައެވެ. ކޮންވެންޝަން ސެންޓަރާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮންވެންޝަން ސެންޓަރަކީ ހޮސްޕިޓަލް ޢިމާރާތް ކުރެއްވުމަށް އެކަށީގެންވާ ތަނެއްތޯ ބައްލަވާފައިވާ ކަމަށެވެ. އަދި މި ހޮސްޕިޓަލް ޢިމާރާތްކުރެއްވުމަށް ފައިސާ ދީފައިވަނީ ބޭރުގެ ދެ ފަރާތަކުން ކަމަށާއި، އެއީ ސަޢޫދީ ފަންޑާއި އޮފިޑް ފަންޑުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހޮސްޕިޓަލްގެ މަސައްކަތް ދެހާސް 18 ވަނަ އަހަރުގެ މެއި މަހު ނިންމަވައި ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ނިންމެވި ސަބަބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލެއް އަލަށް ޢިމާރާތް ކުރާކަމުގައިވާނަމަ ބޮޑު ޚަރަދެއް ހިނގާނެ ކަމަށާއި، ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމުން ޚަރަދު ކުޑަވާނެ ކަމަށެވެ. އަދި އެ ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށްވެސް ގާތްގަނޑަކަށް 161 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލު ވުމުން ފެނިގެންދާނެ އެންމެ ބޮޑު ބަދަލަކަށް ވާނީ ދެ ބުރީގެ އިމާރާތަކަށް އެތަން ބަދަލުވުން ކަމަށް ހައުސިންގ މިނިސްޓަރގެ ނާއިބު އަބުދުﷲ މުއްޠަލިބު ވިދާޅުވިއެވެ.އައްޑޫސިޓީގައި 100 އެނދުގެ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒުއެވެ. އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަތޯ ޢަލީއެވެ.