ޚަބަރު

ބަޖެޓުގައި ޝޯޝަލް ސެކިއުރިޓީއަށް ކަނޑައަޅާފައިވާ މިންވަރު


ޝޯޝަލް ސެކިއުރިޓީގެ ގޮތުގައި، ދެއްވަން ހުށަހަޅުއްވާފައިވާ އެހީ މިހިނގާ އަހަރަށްވުރެ އަންނަ އަހަރު ކުޑަކުރައްވާފައިވާކަން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ފާހަގަކުރައްވައިފިއެވެ. އޮޑިޓަރ ޖެނެރަލް ޒިޔަތު އެކަން ފާހަގަކުރެއްވީ އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ 26 ބިލިއަން ރުފިޔާގެ ބަޖެޓު، ދިރާސާކުރާ ކޮމެޓީގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވަނީ، މިދިޔަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލް ސަރުކާރަށް ދެއްވި ލަފާފުޅުގެ މަތިން ދައުލަތުގެ ސަބްސިޑީއާބެހޭ ސިޔާސަތު ޓާގެޓެޑް ސަބްސިޑީގެ ސިޔާސަތުގެ ގޮތުގައި ތަންފީޒު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އޮޑިޓަރ ޖެނެރަލް ޒިޔަތު ވިދާޅުވީ ދެފުށްފެންނަ ގޮތެއްގައި އެފަދަ ސިޔާސަތެއް ދެމެހެއްޓެނެވި ގޮތެއްގައި ތަންފީޒު ކުރެއްވުން މުހިއްމު ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓަށް އޮޑިޓަރ ޖެނެރަލަށް ފެންނަ ލަފާފުޅު ބަޖެޓު ކޮމެޓީގައި ޙިއްޞާކުރައްވާފައިވާއިރު، އޮޑިޓް އޮފީހަށް އަންނަ އަހަރުގެ ބަޖެޓްގައި ދެއްވުމަށް ކަނޑައަޅުއްވާފައިވަނީ 45 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.