ޚަބަރު

ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ހުޅުވައިފި


ދައުލަތުގެ މީޑިއާ ސެންޓަރެއް އެއްވެސް އަތޮޅެއްގައި ނެތި ފަސް އަހަރު ހޭދަވުމަށްފަހު ޕީ.އެސް.އެމް އައްޑޫ މީޑިއާ ސެންޓަރު ދާދި ދެންމެ ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވައިދެއްވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. 2015 ވަނަ އަހަރު ސަރުކާރުން ޕަބްލިކް ސަރވިސް މީޑިއާ އުފައްދަވައި، ޙަރަކާތްތައް ފުޅާކުރައްވަން ފެށުމާއެކު، އަތޮޅުތަކުގައި މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކެއްގައި ހިނގާ މުހިއްމު ހުރިހާ ކަންކަމެއް ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދިނުމުގެ ފުރުޞަތު ފަހިކުރުމަކީ ކުންފުނީގެ އަމާޒެވެ. img:http://s2.psmnews.mv/images/660x400/14791130318749.jpg|ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ހުޅުވުން - ފޮޓޯ: ޕީއެސްއެމް

އެގޮތުން މީޑިއާ ސެންޓަރުތައް އަލުން ހުޅުވުމަށް ޕީ.އެސް.އެމުން ފަށާފައިވާ މަސައްކަތުން އެންމެ ފުރަތަމަ މިހުޅުވީ، އައްޑޫ މީޑިއާ ސެންޓަރެވެ. މި ސެންޓަރު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ވިދާޅުވީ، ތެދު މަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފެތުރިއްޖެނަމަ ކޮންމެ ތަނެއްވެސް ކުރިއަރައިގެންދާނެ ކަމަށާއި، ޕީ.އެސް.އެމްއިން އައްޑޫގައި މީޑީއާ ސެންޓަރެއް ހުޅުވުމަކީ އެސިޓީއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، އައްޑޫ މީޑިއާ ސެންޓަރު ހުޅުވަމަކީ އަތޮޅުތަކުގެ ޚަބަރު އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް ފެށުމެއް ކަމަށެވެ. އަދި އައްޑޫ ސީޓީގެ ރީތިކަމާއި އެ ސިޓީގައި ހުރި އިޤްތިޞާދީ އަދި އެހެނިހެން ފުރުޞަތުތަށް އަންގައިދެވޭނެ ކަމަށެވެ. އަދި އައްޑުއާއި ގުޅޭ ޞައްޙަ ޚަބަރު މުޅި ރާއްޖެއަށް ލިބިގެންދާނެ ކަމަށާއި މިކަމުގައި ޕީ.އެސް.އެމުން އަލަށް އުފައްދާ ނިއުސްޗެނަލްގެ މުހިންމުކަން މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރައްވާފައިވެއެވެ. img:http://s3.psmnews.mv/images/660x400/14791136107256.jpg|ޕީއެސްއެމްގެ އައްޑޫ މީޑިއާ ސެންޓަރު ހުޅުވުން - ފޮޓޯ: ޕީއެސްއެމް

މީޑިއާ ސެންޓަރުތައް މެދުވެރިކޮށް، ޚަބަރާއި، ރިޕޯޓްތަކުގެ އިތުރަށް ލައިވް ނިއުސްއާއި ޓީވީ، އަދި ރޭޑިއޯ ޕްރޮގްރާމްތައްވެސް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. އައްޑޫ ސިޓީގައި ރައީސް ޢަބްދު ﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާވާއިރު، އެސިޓީގައި މިއަދު ހުޅުވިގެން މިދިޔަ މީޑިއާ ސެންޓަރު ހުޅުވުމާއެކު، ޚަބަރާއި، ޕްރޮގްރާމްތައް މިއަދުން ފެށިގެން ލައިވްކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އައްޑޫ ސިޓީގެ އިތުރުން، ކައިރި މުސްތަޤުބަލެއްގައި އެހެން ބައެއް އަތޮޅުތަކުގައިވެސް މީޑިއާ ސެންޓަރުތައް ހުޅުވުމަށް ޕީ.އެސް.އެމުން މިހާރު ވަނީ ނިންމާފައެވެ. މިގޮތުން 2018 ވަނަ އަހަރުގެ މެދެއްހާތަކުގައި މުޅި ޖުމްލަ 10 އަތޮޅެއްގައި މީޑިއާ ސެންޓަރުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.