ޚަބަރު

ބަޖެޓުގައި ހިމެނޭ ތަރައްޤީގެ މަޝްރޫޢުތަކުން އިޤްތިޞާދަށް މަންފާ


އަންނަ އަހަރަށް ލަފާކުރައްވައި ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅުއްވާފައިވާ ބަޖެޓުގައި ހިމެނޭ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ރާއްޖޭގެ އިޤްތިޞާދަށް މަންފާކުރާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު ޑރ. ޢާޒީމާ އާދަމް ވިދާޅުވެއްޖެއެވެ. ޑރ.އަޒީމާ މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 26 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރިޔަށް އޮންނަ އަހަރަށް ސަރުކާރުން ލަފާކުރައްވާ ދައުލަތުގެ ބަޖެޓާމެދު ފެނިވަޑައިގަންނަވާ ގޮތެއް ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖޭގެ މާލީ ނިޒާމްގެ ތެރެއިން އަރުވާ އެއްބޭފުޅަކީ މަރުކަޒީ ބޭންކްގެ ގަވަރނަރެވެ. ގަވަރނަރ މި ލަފާ އަރުއްވަން ފުރުޞަތު ދެއްވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ދިރާސާކުރައްވާ މަރުޙަލާގައެވެ. އެމްއެމްއޭގެ ގަވަރނަރ ޑރ. ޢާޒިމާ އާދަމް މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ދަޢުވަތަށް ކޮމެޓީއަށް ޙާޟިރުވެވަޑައިގެން، ގަވަރނަރގެ ރަސްމީ ލަފާފުޅު މަޖިލީހަށް ޙިއްޞާކުރައްވާފައިވެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ފިނޭންސް މިނިސްޓަރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލްވެސް ވަނީ އެ ކޮމެޓީއަށް ބަޖެޓާ ގުޅޭގޮތުން އެބޭފުޅުންގެ ލަފާ ހޯދަންޖެހެއެވެ.

ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރު ޑރ. ޢާޒީމާ ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރައްވައި ސަރުކާރުން ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން އިޤްތިޞާދަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަންފާ ކުރާނެ ކަމަށެވެ.

ބަޖެޓުގައި ހިމަނާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދޭނެ ކަމަށާއި އަދި ބޭރު ފައިސާ ރާއްޖެއިން ބޭރުވިޔަނުދިނުމަށް އަލަށް އުފެދޭ ވަޒީފާތައް ދިވެހިންނަށް ދެއްވުން މުހިންމު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ފަންނީ ލަފާ ބަޖެޓު ކޮމެޓީގެ މެމްބަރުންނާ ޙިއްޞާ ކުރައްވަމުން ގަވަރުނަރު ޑރ. ޢަޒީމާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ އިތުރުކުރެއްވުމަށް ގިނަ ކަންކަން ހިމަނުއްވާފައިވާ ކަމަށާއި އެހެންކަމުން އެ ކަންކަމާ ގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ރައްޔިތުންގެ މަޖިލީހުން ލަސްނުކުރައްވައި، ގެންނަވަން ޖެހޭނެ ކަމަށެވެ.

ޑރ. ޢާޒީމާ ވިދާޅުވީ ސަރުކާރުން ދެއްވާ ސަބްސިޑީއަކީ އެކަމުގެ ޙައްޤުވެރި ފަރާތްތަކަށް ލިބެންޖެހޭ އެއްޗަކަށް ހައްދަވަންޖެހޭ ކަމަށާއި ވަކިން ޚާއްޞަކޮށް ހެލްތު އިންޝުއަރެންސަކީ ވެސް އެންމެ ރަނގަޅު ގޮތުގައި ބައްޓަން ކުރެވިފައިވާ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. ގަވަރުނަރު ޑރ. އަޒީމާ ވިދާޅުވީ ހެލްތު އިންޝުއަރެންސަށް ސަރުކާރުން ބަދަލުތަކެއް ގެންނަވަން ވިސްނާވަޑައިގެންފައިވާނަމަ އެކަން ހިންގަވައި ރާވާނެ ގޮތެއް މިއަހަރުގެ ތެރޭގައި އެކުލަވާލުން މުހިންމު ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭގެ ފަންނީ ލަފާ ބަޖެޓު ދިރާސާ ކޮމެޓީއަށް ދެއްވާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރު ދައުލަތުން ހުށަހެޅި ބަޖެޓަށްވުރެ 1.1 ބިލިއަން ރުފިޔާ އަރަނި ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.