ޚަބަރު

ޅައުމުރުގެ މީހުންގެ ގައިން ހަކުރު ބަލި ފެންނަ މިންވަރު އިތުރުވަނީ


ހަކުރު ބައްޔަކީ ރާއްޖޭގައިވެސް އަދި ދުނިޔޭގައިވެސް ވަރަށް އާންމު ބައްޔެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގައި ސަތާރަ ހާހަށްވުރެ ގިނަ މީހުން ހަކުރު ބައްޔާއި ކުރިމަތިލާން ޖެހިފައިވެއެވެ.

މިއަހަރުގެ އެޕްރީލް މަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަކުރު ބަލި ތަޙައްމަލް ކުރަމުންދާ 350 މިލިޔަން މީހުން ދުނިޔޭގައި އެބަތިއްބެވެ. އެއީ، ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ނުވައެއް އިންސައްތަ މީހުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އަންދާޒާކޮށްފައިވާ ގޮތުގައި، ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގައި 17 މިލިޔަން މީހުން ހަކުރު ބަލި ތަޙައްމަލް ކުރަމުންދެއެވެ. ރާއްޖެއަށް ބަލާއިރު، އާބާދީގެ 8 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ މީހުންނެވެ. ޑައިބެޓީޒް ސޮސައިޓީ އޮފް މޯލްޑިވްސްއިން ހާމަކުރާ ގޮތުގައި، ރާއްޖޭގައި ހަކުރު ބައްޔަށް ހުރި ހިރާސްތައް ނައްތާ ނުލެވިއްޖެނަމަ، މި ޢަދަދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެއެވެ.

ޑީ.އެސް.އެމްއިން ފާހަގަކުރާ ގޮތުގައި، ރާއްޖޭގައި މީގެކުރިން ހަކުރު ބަލީގެ މީހުން ފެންނަމުން އައިސްފައިވަނީ އުމުރުން 40 ނުވަތަ 30 އަހަރުން މަތީގެ އުމުރުތަކުގައެވެ. އެހެންނަމަވެސް މިފަހަކަށް އައިސް ޅައުމުރުގެ މީހުންގެ ގައިން ހަކުރު ބަލި ފެންނަމުންދާތީ، އެކަމާ ކަންބޮޑުވާ ކަމަށް ޑީ.އެސް.އެމުން ބުނެއެވެ. ހެލްތު މިނިސްޓްރީންވެސް ވިދާޅުވެފައިވަނީ، ހަކުރު ބައްޔަށް މަގުފަހި ކުރުވާ ހިރާސްތައް ރާއްޖޭގައި ގިނަ ކަމަށެވެ. އެގޮތުން ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ކަސްރަތު ނުކުރުމާއި، އާބާދީގައި ތަރުކާރީއާ މޭވާ ކެއުމުގެ އާދަ ހިފާފައި ނެތްކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް ޢަމަލީ ސިފައެއް ގެނައުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތުންވަނީ، ގައިން ގަޔަށް ނާރާ ބައްޔަށް ހުރި ހިރާސްތައް ނައްތާލުމަށް، ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލާ ތަންފީޒް ކުރައްވަން ފަށްޓަވާފައެވެ. މި ޕްލޭންގައި ހަކުރު ބަލި ރައްކާތެރިވުމާއި، އަދި ހަކުރުބަލި ޖެހިފައިވާ މީހުންގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވެއެވެ.

ހަކުރު ބައްޔަކީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ބާރު ސްޕީޑެއްގައި އިތުރުވަމުން އަންނަ ބައްޔެވެ. މިބަލިން ސަލާމަތް ވުމަށް ދުރާލާ މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މީގެ ތެރެއިން ގިނައީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހޭ ބަދަލުތައްކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި، ކަސްރަތު ކުރުމާއި، ޞިއްޙަތައް ފައިދާހުރި ކާނާކެއުން ފަދަ ކަންކަން ހިމެނެއެވެ. ދުރާލާ ރައްކާތެރިވެއްޖެނަމަ މިއީވެސް ޙާލަތު ބަދަލުކުރެވިދާނެ ބައްޔެކެވެ.