ޚަބަރު

2017 ވަނަ އަހަރަށް ލަފާކުރައްވާ ބަޖެޓުގެ ބަހުސް މަރުޙަލާ ފަށައިފި


އަންނަ އަހަރަށް ލަފާކުރައްވާ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓުގެ ބަހުސް މަރުޙަލާ މިއަދު ފަށްޓަވައިފިއެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓަކީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރު އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

ބަޖެޓްގެ ބަހުސް މިއަދު ފަށްޓަވާފައިވާއިރު، މަޖިލީހުގެ މިއަދުގެ ޖަލްސާ މިރޭ އެގާރަގަޑި ސުންމިނެޓާ ހަމައަށް ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ނިންމަވާފައެވެ.

އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރެއްވުމަށް މަޖިލީހުގެ ކޮންމެ މެމްބަރަކަށް 22 މިނެޓް ދެއްވުމަށް މަޖިލީހުގެ އާންމު ކޮމެޓީންވަނީ ނިންމަވާފައެވެ.

އަންނަ އަހަރަށް ލަފާކުރައްވައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓާ ގުޅޭގޮތުން މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު ޑރ. ޢާޒީމާ އާދަމާއި އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ރޭ ވަނީ އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން އެބޭފުޅުންގެ ލަފާފުޅު ބަޖެޓު ދިރާސާކުރާ ކޮމެޓީއާ ޙިއްޞާ ކުރައްވާފައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި 26 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 51 ޕަސެންޓް ޚާއްޞަކުރައްވާފައިވަނީ ރިކަރަންޓު ޚަރަދުގެ ގޮތުގައެވެ. އަނެއް 49 ޕަސެންޓު ކަނޑައަޅުއްވާފައި ވަނީ ކެޕިޓަލު ޚަރަދުގެ ގޮތުގައިކަން ފާހަގަކޮށްލެވެއެވެ.