ތަޢުލީމު

"ދިވެހިންގެ މުއްސަނދި ސަޤާފަތާއި ޢިލްމު ދަނީ ނެތެމުން"


ދިވެހިންނަށް ލިބިފައިމިވާ މުއްސަނދި ސަޤާފަތާއި ޢިލުމް ނެތެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މައުނަވީ ތަރިކަ ރައްކާތެރިކުރުމާ ބެހޭގޮތުން ދެހާސް ތިންވަނަ އަހަރު ޔުނެސްކޯއިން ކަނޑައެޅި މުއާހަދާއަށް ރާއްޖޭގެ ކަމާ ބެހޭފަރާތްތައް އަހުލުވެރިކުރުވުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖެއިން ނެތުމުން ދާ މައުނަވީ ތަރިކަތަކަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ޢާއިޝަތު ޝިހާމު ވިދާޅުވީ ދިވެހި ބަހާ ސަޤާފަތުގެ އިތުރުން، ދުނިޔެއަށް އަންނަމުންދާ ތަރައްގީއާ އެކު ރާއްޖެއަށް ލިބިފައިވާ މައުނަވީ ތަރިކަތައް ނެތެމުންދާކަމަށެވެ. އަދި މިކަމަށް ޙާއްސަ ސަމާލުކަމެއް ދެއްވައިގެން މައުނަވީ ތަރިކައަށް ލޯބިކޮށް، އޭގެ ރޫހު ދިރުވާ އާލާކުރުމުގެ ގޮތުން ސަރުކާރުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14790532691007.jpg|މައުނަވީ ތަރިކަ ރައްކާތެރިކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ބޭއްވި މަސައްކަތު ބައްދަލުވުމުގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވާހަކަފުޅުދައްކަވަނީ

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ ދިވެހިންނަކީ މައުނަވީ ގޮތުން މުއްސަނދި ތަރިކައެއް ލިބިފައިވާ ބައެއް ކަމަށެވެ. އަދި ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިންނާ ހަމައަށް އައިސްފައިވާ ވާހަކަތަކަކީ "ދިވެހިންގެ އިއްޔެ" ބުނެދޭ ވާހަކަތަކެއް ކަމަށާއި ދިވެހިންގެ މާޒީ ބުނެދެނީ ދިވެހިންގެ މިފަދަ ތަރިކަތަކުން ކަމަށެވެ. އަޝްރަފުގެ ވާހަކަފުޅުގައި ވަނީ މާނަވީ ތަރިކަ ހިމާޔަތް ކުރުމާ މުއާހަދާގައި ދިވެހިރާއްޖެއިން ވީހާވެސް އަވަހަކަށް ބައިވެރިވުމަށް ގޮވާލެއްވިއެވެ. އަދި އޭގެ ސަބަބުން ދިވެހިންގެ މައުނަވީ ތަރިކަ އެއްކޮށް ޖަމާކޮށް ތަރައްގީކޮށް ދިރުވުމަށް މުހިއްމު ކަންތައްތަކެއް ފަހިވެގެން ދާނެ ކަމަށްވެސް އަޝްރަފު ވިދާޅުވިއެވެ.

މައުނަވީ ތަރިކަ ރައްކާތެރި ކުރުމަށް ދިވެހިރާއްޖެއަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށް ހިޔާލުބަދަލުކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.