ސިއްހަތު

ހެލްތު ސްކްރީންގެ ނަތީޖާ ރިޕޯޓް ޢާއްމުކުރައްވައިފި


މާލެއާއި އަތޮޅުތަކުގައި މިއަހަރު ގްރޭޑް އެކެއްގައި ތަޢުލީމް ޙާޞިލްކުރި ކުދިންގެ ހެލްތު ސްކްރީންގެ ނަތީޖާ ރިޕޯޓް ޢާއްމުކުރައްވައިފިއެވެ. 

ހޮޓެލް ޖެންގައި ބޭއްވެވި މި ރަސްމިޔާތުގައި ޢާންމުކުރެއްވީ މިއަހަރު ހިންގެވި ހެލްތު ސްކްރީނިންގެ ނަތީޖާއެވެ. މާލެއާއި އަތޮޅުތަކުން ގްރޭޑް އެކެއްގައި މިއަހަރު ތަޢުލީމު ޙާޞިލްކުރި ދަރިވަރުނަށް ދިމާވާ ޞިއްޙީ މައްސަލަތައް ދެނެގަތުމަށް ހިންގެވި ހެލްތް ސްކުރީން ޕްރޮގްރާމުން އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ދަތުގެ މައްސަލަތަކާއި، ލޮލުގެ މައްސަލަތަކާއި، ވަކިވަރަކަށްވުރެ އިތުރަށް ބަރުދަން ހުރުމާއި ދައްވުން ފަދަ ކަންތައްތަކެވެ. 

މި އަހަރު މާލެއިން 2151 ދަރިވަރުންނާއި އަތޮޅުތަކުން 4733 ދަރިވަރުން ހެލްތް ސްރީން ހަދާފައިވެއެވެެ. 

ހެލްތް ސްކްރީނިންގެ ރިޕޯޓް އާންމުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލްތަކުގައި ތައުލީމް ހަސިލުކުރަމުންދާ ދަރިވަރުންނަކީ  ދުޅަހެޔޮ ސިއްޙަތެއްގައި ތިބި ދަރިވަރުންތަކެއްކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އެކި ފިޔަވަހިތަކަށް ބައްސަވަލައްވައިގެން ދަރިވަރުންނާއި، ބެލެނިވެރިން އަދި ޓީޗަރުންނަށް ސްކޫލްތަކުގައި މިފަދަ ޕުރޮގްރާމްތައް ހިންގަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ގްރޭޑް އެކަކަށް ވައްދާ ދަރިވަރުންގެ ހެލްތު ސްކްރީނިންގ ޕްރޮގްރާމް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދަވާފައިވަނީ އެމްއެންޑީއެފް މެޑިކަލްއާ ގުޅިވަޑައިގެންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު ވިދާޅުވީ މިފަދަ ޕުރޮގްތާމްތައް ކުރިޔަށްގެންދެވުމަށް އެމްއެންޑިއެފުން އޮންނާނީ ތައްޔާރަށްކަމަށެވެ. އަދި ޅަފަތުގައި ދަރިވަރުން ދުޅހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ޤައުމީ ކެމްޕެއިނެއްގެ ގޮތުގައި މިފަދަ މަސައްކަތް ކުރަން ޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ގްރޭޑް އެކަކަށް ސްކޫލަށް އަލަށް ވަންނަ ކުދިންނަށް ހެލްތު ސްކްރީން ޕުރޮގްރާމް ފެއްޓެވީ 2014 ވަނަ އަހަރުން ފެށިގެން. އެގޮތުން ފާއިތުވި ތިން އަހަރު ގްރޭޑް އެކަކަށް ވެއްދި ކުދިންގެ ހެލްތްސްކްރީނިންގ ހަދާފައިވެއެވެ.