ކުޅިވަރު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް އޭދަފުށި ޓީމް ކާމިޔާބު ކޮށްފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް 2016ގެ ޗެމްޕިއަންކަން ބ.އޭދަފުށި ހޯދައިފިއެވެ. 

ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗް އޭދަފުށި ކާމިޔާބުކުރީ ތ.ތިމަރަފުށި އެކެއް ސުމަކުން ބަލިކޮށްގެންނެވެ. މެޗުގައި އޭދަފުށިން ޖެހި ހަމައެކަނި ލަނޑުޖަހައި ލީޑް ނެގީ މެޗުގެ ދިހަވަނަ މިނެޓުގައެވެ. އެޓީމްގެ ޑިފެންޑާރ ސާމީ އިބްރާހީމް ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށްވަނީ ތިމަރަފުށީގެ ގޯލްކީޕަރ މުޙައްމަދު ޝަރުޚާންގެ ބޯމަތިންނެވެ. މެޗުގައި ގޯލްޖަހަން ދެ ޓީމަށްވެސް މަދު ފުރުސަތުތަކެއް ލިބުނުއިރު، ގޯލާއި އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. މި ދެޓީމް ގްރޫޕް ސްޓޭޖްގައި ވާދަކުރި މެޗް އެކެއް ސުމަކުން ކާމިޔާބުކުރީ ތިމަރަފުއްޓެވެ. 

ޖުމްލަ 71 ޓީމް ވާދަކުރި މިނިވަން ޗެމްޕިއަންޝިޕް 2016ގެ ޗެމްޕިއަންޓީމަށް ޓްރޮފީ ހަވާލްކޮށްދެއްވީ މިނިސްޓާރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމެވެ.