ދުނިޔެ

ދެކުނު ކޮރެއާގެ ރައީސާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި


ދެކުނު ކޮރެއާގެ ރައީސްގެ އިސްތިއުފާއަށް ގޮވާ އެޤައުމުގެ ވެރިރަށް ސޯލްގައި އެތައް ހާސް ރައްޔިތުންގެ މުޒާހަރާކޮށްފިއެވެ. 

މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރަހުމަތްތެރިއަކަށް ފައިދާވާގޮތަށް ސަރުކާރުގެ ނިންމުންތައް ނިންމަވާފައިވާކަމުގެ ތުހުމަތުގައި ދެކުނު ކޮރެއާގެ ރައީސް ޕާކް ގުން ހައިއާއި ދެކޮޅަށް އެޤައުމުގައި ރައްޔިތުން ހިންހަމަނުޖެހުން ފާޅުކުރަމުންދާތާވަނީ ދުވަސްތަކެއްވެފައެވެ. 

އިއްޔެ ސޯލްގެ ސިޓީ ހޯލްގެ ސްކޮޔާގައި ކުރިއަށްދިޔަ މުޒާހަރާ ރާވާފައިވަނީ ކޮރެއަން ކޮންފެޑަރޭޝަން އޮފް ޓްރޭޑް ޔޫނިއަންގެ ފަރާތުންނެވެ. ފުލުހުން ބުނިގޮތުގައި ސޯލްގައި ކުރިޔަށްދިޔަ މުޒާހަރާގައި ދުއިސައްތަ ފަންސާސް ހާހަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. ދުވަސްވީ ރަހުމަތްތެރިއަކަށް ފައިދާވާގޮތަށް ދެކުނު ކޮރެއާގެ ރައީސް ޕާކް ގުން ހައި ސަރުކާރުގެ ކަމެއް ނިންމަފައިވާކަމުގެ ތުހުމަތުކުރެވުމުގެ ސަބަބުން އެކަމަނާ ވަނީ މިމައްސަލަ ބައްލަވާ ފަރާތްތަކަށް ފުރިހަމަ އެއްބަރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި ކުށްވެރިވާ ފަރާތްތަކަށް، އެއީ އެކަމަނާ ކަމުގައިވިޔަސް، ޤާނޫނުގެ ތެރެއިން އަދަބު ދޭން ޖެހޭނެކަމަށް ޕާކް ވަނީ ވިދާޅުވެފައެވެ.