ދުނިޔެ

އިންޑިއާގެ އާ ނޫޓްތަކަށް އޭޓީއެމްތައް ސެޓްކުރަން ދެހަފްތާ ނަގާނެ


އަލަށް ތަޢާރަފްކޮށްފައިވާ ނޫޓްތައް ދޫކުރުމަށް ހުރިހާ އޭޓީއެމް މެޝިންތަކެއް ސެޓްކުރުމަށް ދެހަފްތާއެއްހާ ދުވަސް ނަގާނެކަމަށް އިންޑިއާގެ ފިނޭންސް މިނިސްޓަރ އަރުން ޖޭޓްލީ ވިދާޅުވެއްޖެއެވެ. 

ކޮރަޕްޝަން އަދި ކަޅުފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް އަޅާފިޔަވަޅެއްގެގޮތުން އިންޑިއާއިން ފަސްސަތޭކަ އާއި އެއްހާހުގެ ފައިސާގެނޫޓް ބޭނުންކުރުން ކުއްލި ގޮތަކަށްހުއްޓާލާފައިވަނީ ނޮވެންބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީ ވިދާޅުވީ ކޮރަޕްޝަނާ، ކަޅުފައިސާގެ މުއާމަލާތްތަކަކީ ފަޤީރުކަން ނައްތާލުމަށް އޮތް އެންމެބޮޑު ގޮންޖެހުންކަމަށެވެ. 

އިންޑިއާގައި އުވާލެވުނު ފައިސާގެ ނޫޓްތަކުގެ ޖުމްލަ އަދަދު ދުއިސައްތަ ފަންސާސް ހަ ބިލިއަން ޑޮލަރަށް އަރާނެކަމަށް މައުލޫމަތުލިބެއެވެ. އިންޑިއާއަކީ ކޭޝްކާޑް ނުވަތަ ޗެކުފަދަތަކެތީގެ ބަދަލްގައި ވިޔަފާރިއާއި އެހެނިހެން މުއާމަލާތްތަކުގައި ނޫޓުފައިސާ ބޭނުންކުރާ ޤައުމެކެވެ. މިގޮތުން އިންޑިއާގައިފައިސާގެ މުއާމަލާތްތަކުގައި އާންމުކޮށް ބޭނުންކުރަނީ ފައްސަތޭކަ އަދި އެއްހާހުގެ ނޫޓްތަކެވެ. އާންމު ރައްޔިތުންނާ، ވިޔަފާރިތައްވެސް ބަރޯސާވެފައިވަނީ ކުދި ނޫޓް ގެންގުޅުމަށްވުރެ، ފަސްސަތޭކަ އަދި އެއްހާސް ނޫޓް ގެންގުޅުމަށެވެ. ކުއްލިއަކަށް މިގެނައިބަދަލުގެ ސަބަބުން އިންޑިއާގެ އާންމުންނާ، ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައެވެ. އަތުގައި ހުރި ފަސްސަތޭކަ އަދި އެއްހާހުގެ ނޫޓްތައް ކުޑަ ކުރުމަށް ނުވަތަ އަލަށް ނެރުނު ފައިސާއަށް ބަދަލްކުރުމަށް އިންޑިއާގެ އެތައްހާސް ރައްޔިތުންނެއްދަނީ އޭޓީއެމްތަކާ، ބޭންކްތަކުގައި ކިއުހަދާ ތޮއްޖެހެމުންނެވެ.

ނަމަވެސް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ ދުއިސައްތަ-ދެ-ހާސް އޭޓީއެމްގެ ތެރެއިން މަސައްކަތްކުރަނީ ދެބައިކުޅަ އެއްބައި މެޝިންތަކެކެވެ. ބޭނުންކުރެވޭ އޭޓީއެމްތަކުގެ ތެރެއިން ގިނަ އޭޓީއެމްތައް ފައިސާ ހުސްވުމުގެ ސަބަބުން ވަނީ ހިދުމަތްމެދުކެޑިފައެވެ. އެހެންކަމުން ޚިދުމަށް ހޯދަންދާ ގިނަ ރައްޔިތުން މިހާރު ކެއްމަދުވެ، ހިންހަމަނެޖެހުން ފާޅުކުރަމުން އެބަދެއެވެ. އެމީހުން ބުނަމުންދަނީ ދުވަހުން ދުވަހަށް ކުރަންޖެހޭ މުހިންމުކަންތައްތައް ކުރުމަށް ބޭނުންވާ ފައިސާ އަތުގައި ނެތްކަމަށެވެ. އަދި ހުރީ ކުރީގެ ނޫޓްތައްކަމަށާ،އެފައިސާ ބޭނުންނުކުރެވޭތީ ބޮޑެތިދަތިތަކާއި ކުރިމަތިލަމުންދާކަމަށެވެ. 

އިންޑިއާގެ ފިނޭންސް މިނިސްޓަރ އަރުން ޖޭޓްލީ ވިދާޅުވީ މަސައްކަތްނުކުރާ މެޝިންތަކުގެ ސިސްޓަމަށް އައު ނޫޓްތަކަށް ސެޓް ކުރުމަށް މަދުވެގެން ދެ ހަފްތާ ނަގާނެކަމަށެވެ. 

އިންޑިއާ ސަރުކަރުން ބުނީ ފަސްސަތޭކަ އަދި އެއްހާހުގެ ނޫޓްތައް އުވާލީ ޓެކްސް ނުދެއްކުމައްޓަކާ، އިންޑިއާގެ ދައުރުވަމުންދާ ފައިސާގެ ތެރެއަށް ނުވައްދާހުރި އެތައްބިލިއަން ފައިސާއެއް އަލުން ހޯދުމަށާއި ވަގު ފަސްސަތޭކައިގެ ނޫޓްތައް ބޭނުންކޮށްގެން އިދިކޮޅު ހަނގުރާމަވެރިންނަށް ފަންޑްކުރާ ފަރާތްތައް ހުއްޓުވުމަށްކަމަށެވެ.