އޭއެފްސީން ބާއްވަން ތައްޔާރުވަމުން އަންނަ ނޭޝަންސް ލީގާއެކު، ވޯލްޑް ކަޕާއި، އޭޝިއަން ކަޕުގެ ކޮލިފިކޭޝަނަށް ބޮޑު ބަދަލެއް ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އޭއެފްސީން ނޭޝަންސް ލީގެއް ބާއްވަން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ މުބާރާތައް އެ ޖަމިއްޔާއިން ތައްޔާރުވަމުން އަންނައިރު، މި މުބާރާތުގެ ތެރެއިން ވޯލްޑް ކަޕާއި، އޭޝިއަން ކަޕަށް ކޮލިފައިވާނެ ސިސްޓަމެއް ހެދުމަށް ހުށަހެޅުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އޭއެފްސީން ނޭޝަންސް ލީގު ބާއްވަން ނިންމާފައިވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރެވެ. އެހެންވެ، މި މުބާރާތުގެ ތެރެއިން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ވޯލްޑް ކަޕާއި، އޭޝިއަން ކަޕަށް ޓީމުތައް ކޮލިފައިވާނެ ސިސްޓަމެއް ހެދުމުން އޭގެ ފައިދާ ކުރާނެ ކަމަށް އޭއެފްސީން ގަބޫލުކުރެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭއެފްސީން ނޭޝަން ލީގުގެ ގަވައިދު އެކުލަވާލާނީ ތިން ކެޓަގަރީއަކަށް ބަހައިލައިގެންނެވެ. ފުރަތަމަ ކެޓަގަރީގައި ރޭންކިންގައި ކުރީގައި އުޅޭ 18 ގައުމު ހިމެނޭއިރު، ދެވަނަ ކެޓަގަރީގައި ވެސް ހިމެނޭނީ 18 ގައުމެވެ. އަދި ތިންވަނަ ކެޓަގަރީގައި ހިމެނޭނީ ދަށް ރޭންކިންގެ ގައުމުތަކެވެ. އަދި އޭއެފްސީން މިގޮތައް ޓީމުތައް ތިން ކެޓަގަރީއަކަށް ބެހިނަމަވެސް މި މުބާރާތަކީ ޕްރޮމޯޝަންއާ ރެލިގޭޝަނުގެ ފުރުސަތު އޮންނަ މުބާރާތެކެވެ.
އޭއެފްސީން ނޭޝަން ލީގު 2030 ވަނަ އަހަރު ބާއްވަން ތައްޔާރުވަމުން އަންނައިރު، މި މުބާރާތުގެ ޕައިލެޓް މުބާރާތެއް 2028 ވަނަ އަހަރު ކުރިއަށް ގެންދަން އަންނަނީ ތައްޔާރުވަމުންނެވެ.
އޭއެފްސީން ނޭޝަންސް ލީގަށް ކޮލިފިކޭޝަންތައް އެއް ކުރާ ހިސާބުން ކޮންމެ ގައުމަކަށްވެސް ހަ މެޗު ހޯމް އަދި ހަ މެޗު އަވޭ ކުޅޭނެއެވެ. އަދި އޭއެފްސީން މުބާރާތުގެ ގަވައިދަށް ގެންނަން މަސައްކަތް ކުރާ ބަދަލާއެކު، އެއްވަނަ ކެޓަގަރީގެ އެންމެ މަތީ ރޭންކުގެ ހަ ޓީމަށް ސީދާ ވޯލްޑް ކަޕުގެ ޖާގަ ލިބޭނެއެވެ. އަދި 7-10 ރޭންކުގެ ޓީމުތަކުގެ މެދުގައި ރައުންޑް ރޮބިން ޕްލޭއޮފް ކުޅޭނެއެވެ.