ސިއްހަތު

މޫދު ކަސްރަތުދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ބާއްވައިފި


ބައިނަލްއަޤްވާމީ މޫދު ކަސްރަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ތިންގަޑިއިރަށް މޫދުގައި ޙަރަކާތް ކުރިއަށް ގެންގޮސްފިއެވެ. 

މި ޙަރަކާތް ރާއްޖޭގެ 17 އަތޮޅެއްގެ ބާވީސް ރަށެއްގައި މިއަދު ނުވައަކުން މެންދުރު ބާރައަށް ކުރިއަށްދިިޔައެވެ. ގްލޯފިޓް އިން އިސްނަގައިގެން ބޭއްވި އެކުއަރތޯން މޫދު ކަސްރަތު ޙަރަކާތަކީ، މިއަދު ފާހަގަކުރަމުންދާ ވަރލްޑް އެކުއަަރތޯން ޑޭ ފާހަގަކުރުމުގެ ގޮތުން ހިންގި ޙަރަކާތެއް ކަމަށް ގްލޯފިޓުން ބުނެއެވެ. މިޙަރަކާތް ހިންގުމުގެ މަޤްސަދަކީ، މޫދު ކަސްރަތުތަކަށް މީހުން އަޙުލުވެރިކުރުމާއި، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކުރުމާއި، ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ކަސްރަތުކުރުމަށް ބާރު އެޅުމެވެ. އަދި މޫދު ކަސްރަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވެސް ފަސޭހައިން ކުރެވޭނެ ކަމަށް ވުމާއެކު މޫދު ކަސްރަތު ދެމެެހެއްޓެނެވި ގޮތަކަށް މުޅި ރާއްޖޭގެ ރަށްތަކުގައި ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް މި ހަރަކާތުން ހިތްވަރުދިނުމެވެ. 

މި ޙަރަކާތް ރާއްޖޭގެ 17 އަތޮޅެއްގެ ބާވީސް ރަށެއްގައި ގެންގޮސްފައިވެއެވެ. މި ޙަރަކާތާއި ގުޅޭ ގޮތުން މަޢުލޫމާތު ދެެއްވަމުން ގްލޯފިޓްގެ ޑައިރެކްޓަރ ފާތިމަތު ޙިޝަމަތު ފާއިޒު ވިދާޅުވީ، މާލޭގައި ކުރިއަށް ދިޔަ މިޙަރަކާތުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށެވެ. އަދި މި ޙަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މާލޭގެ ގިނަ ފިޓްނަސް ސެންޓަރުތަކުގެ އެހީތެރިކަން ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

img:http://s2.psmnews.mv/images/660x400/14789423533949.jpg|މޫދު ކަސްރަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ވަރލްޑް ވައިޑް އެކުއަރތޯން ޑޭ ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގެ ދަށުން، ވަނީ އައްޑޫސިޓީގައިވެސް ހަރަކާތްތަކެއް ކުރިއަށްގޮސްފައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑައިބެޓީސް އެޑިއުކޭޓަރުންނާއި، ފުލުހުން އަދި އެމް.އެން.ޑީ.އެފް ގުޅިގެން، މޫދު ކަސްރަތު ކުރުމުގެ ޕްރޮގްރާމެއް ހެނދުނު ނުވައަކުން މެންދުރު ބާރަ ޖަހަންދެން ކުރިއަށްގެންދިޔައެވެ. މި ޕްރޮގްރާމް އޮތީ އައްޑޫ ހަންކެޑެ ސަރަޙައްދުގައެވެ. ހިތަދޫ، މަރަދޫ ، މަރަދޫފޭދޫ، އަދި ފޭދޫގެ ބައެއް ޒުވާނުންވެސް ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވިއެވެ.

ވަރލްޑް އެކުއަރތޯން ޑޭ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުވެސް މޫދުގެ ކަސްރަތު ޙަރަކާތް ކުރިއަށް ގެންދިޔައެވެ. މިދިޔަ އަހަރުގެ އަހަރުގެ ޙަރަކާތުގައި 300 މީހުން ބައިވެރިވިއެވެ.