ޚަބަރު

ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފަށަނީ


ތިލަފުށި ކޯޕަރޭޝަނުން ކ.ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭން ނިންމައިފިއެވެ.

ތިލަފުށި ކޯޕަރޭޝަނުން މިހާރުވަނީ މި ޚިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކުރަން ބޭނުންވާ ފަރާރްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވަނީ، ތިލަފުށި 1 އަދި ތިލަފުށި 2 ހިމެނޭ ސަރަޙައްދަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިގޮތުން މި ޚިދުމަތް ދޭންޖެހޭނީ، ކަނޑައެޅިފައިވާ ގަޑިތަކެއްގައި ވަކި ސަރަޙައްދުތަކަށް ދުއްވާ އުޅަނދު ހުއްޓާގޮތަށްކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ. 

ތިލަފުށި 1 ގައިވާ ތިލަފުށި ފެރީޓަރމިނަލަކީ، ކޮންމެ ދަތުރެއް ފަށާ ޕޮއިންޓަށް ވާއިރު، ދުއްވާ އުޅަނދުގެ ޚިދުމަތް ދޭ ގަޑިތައް ކަނޑައެޅުމުގައި ފެރީގެ ޝެޑިއުލަށް ބަލަންވާނެކަމަށާއި ފެރީ ޝެޑިއުލާ އެއްގޮތަށް ފަސެންޖަރުން ކަނޑައެޅިފައިވާ ސަރަޙައްދުތަކަށް ގެންގޮސްދޭންޖެހޭނެކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެއެވެ. މީގެއިތުރުން ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އުޅަނދުގައި މަދުވެގެން 20 ފަސެންޖަރުންގެ ކެޕޭސިޓީ ހުންނަންވާނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ތިލަފުއްޓަކީ އެކިކަހަލަ ސިނާޢީ މަސައްކަތްކުރާ ތަނަކަށްވާއިރު ގިނަ އަދަދެއްގެ މުވައްޒަފުން ތިލަފުށީގައި މަސައްކަތްކުރެއެވެ.