ޚަބަރު

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އައު ޔުނިފޯމް އިފްތިތާޙުކޮށްފި


ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުތަކުގެ އަމަން ބަލަހައްޓަވާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ އައު ޔުނިފޯމް އިފްތިތާޙުކުރައްވައިފިއެވެ. 

މިއާއެކު ކުރިން އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުން ބޭނުންކުރަމުން ގެންދިޔަ ނޫކުލައިގެ ޔުނިފޯމްގެ ބަދަލުގައި ދެން ބޭނުންކުރާނީ އަލަށް ތައާރަފްކުރެއްވި ޔުނިފޯމެވެ. މި ޔުނިފޯމް ރަސްމީކޮށް ތައާރަފް ކޮށްދެއްވީ، އެކަމަށްޓަކައި ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރެވެ. ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުތަކުގެ އަމަން ބަލަހައްޓަވާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް" އޮފީހަކީ، ޔުނިފޯމް އެޅުމުގެ ސަގާފަތެއް އޮންނަ އޮފީހެކެވެ. އެކަން ހާމަވަނީ، 1970 ގެ ކުރީގެ އަހަރުތަކުން ފެށިގެން ހުޅުލޭ ވައިގެ ބަނދަރުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓެވުމަށް ސެކިއުރިޓީ ގާޑުން، އައްޔަން ކުރެއްވީވެސް ފުރިހަމަ ޔުނީފޯމަކާއެކު ކަމުގައިވާތީއެވެ. 

img:http://s3.psmnews.mv/images/660x400/14789364658642.jpg|އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އައު ޔުނިފޯރމް އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އައު ޔުނިފޯމް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، އައު ޔުނިފޯމް ތައާރަފް ކުރެއްވުމުގައި ބޮޑަށް ބެއްލެވީ، ދައުލަތުގެ އެހެން ބައެއް މުޢައްސަސާތަކުގައި ބޭނުންކުރާ ކުލައާއި، ތަފާތު ގޮތަކަށް ޔުނިފޯމް ތައްޔާރުކުރެއްވުމަށްކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންނަކީ، ޤައުމީ ސަލާމަތާއި ގުޅުންހުރި، އަދި ގިނަ ބައެއްގެ ފުރާނައާއި ގުޅިފައިވާ ވަރަށް، މުހިންމު ޒިއްމާއެއް އަދާކުރައްވާ ބައެއްކަމަށާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފީހުގެ ބޭފުޅުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވުމަށް ގޮވާލެއްވިއެވެ. މިއަދާހަމައަށްވެސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން ދިޔައީ އެދުވަސްވަރަކަށް އެންމެ ފެތޭ ޒަމާނީ ޔުނިފޯމްތަށް ބޭނުންކުރައްވަމުން ކަމަށާއި، މިފަހަރު އިފްތިތާޙްކުރެއްވި ޔުނިފޯމަކީވެސް އެންމެ ޒަމާނީ ސިފަތަކާއެކު ބޭނުންކުރަން ފެއްޓެވި ޔުނިފޯމެއްކަމުގައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޒިންމާދާރުވެރިޔާ، ކޮމަޑާންޓް މޫސާ ހަބީބު ވިދާޅުވިއެވެ. ރާއްޖޭގައި އޮޕަރޭޓްކުރާ 11 ވައިގެ ބަނދަރުގެވެސް އޭވިއޭޝަން ސެކިއުރިޓީގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ.