ޚަބަރު

ތައިލެންޑުގައި ފެންބޮޑުވުން: މަރުވި މީހުންގެ ޢަދަދު 40އަށް އަރައިފި


ތައިލެންޑަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގާތްގަނޑަކަށް 2،700 އަކަކިލޯމީޓަރުގެ ސަރަޙައްދެއްގައި ފެންބޮޑުވެ، މިހާތަނަށް 40 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ތަރުޖަމާނު ޑރ. އެކަޕޮބް ޕިއަންޕިސެސް ވިދާޅުވި ގޮތުގައި، މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އެ ޤައުމުގެ މެދުތެރޭގެ ސަރަޙަދުތަކަށެވެ. އެ ސަރަޙައްދުން އެކަނިވެސް 2،208 އަކަކިލޯމީޓަރުގައި ފެންބޮޑުވެފައިވާއިރު، އިރުމަތީގެ 284 އަކަކިލޯމީޓަރަށާއި، އިރުއުތުރުގެ 236 އަކަކިލޯމީޓަރަށް އަދި ހުޅަނގުގެ ސަރަހޙައްދުތަކުގެ ތެރޭގައި ހިމެނޭ ކަންޗަނަބުރީ ޕްރޮވިންސްގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

ވެރިރަށް ބެންކޮކްގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ފެން ޕަންޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ގިނަ ސަރަޙައްދުތަކުގައި މިހާރު ފެންގަނޑު ގާތްގަނޑަކަށް 30 ސެންޓީމީޓަރަށް ތިރިކުރެވިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

އަދި އަންގާރަ ދުވަހު ގޭގައި ތިބެގެން މަސައްކަތްކުރަން ކަނޑައެޅި މުއްދަތު ހަމަވުމާ ގުޅިގެން، ދަތުރުފަތުރުކުރާ ފަރާތްތަކަށް އެހީތެރިވުމަށް އިތުރު ބަސްތަކާއި އުޅަނދުފަހަރު ވަނީ ޚިދުމަތަށް ނެރެފައެވެ. ނަމަވެސް، އަދިވެސް ފެންހިންދުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ގޭގައި ތިބެގެން މަސައްކަތްކުރާ މުއްދަތު އިތުރުކުރުމަށް ބޮޑުވަޒީރު އަނުތިން ޗާންވީރަކުލް ވަނީ ބެންކޮކްގެ ގަވަރުނަރަށް އިރުޝާދު ދެއްވައިފައެވެ.

ބެންކޮކްގެ 15 ޑިސްޓްރިކްޓެއްގެ 748 އަވަށެއްގައި އަދިވެސް ފެންބޮޑުވެފައިވާއިރު، ބައެއް ބޮޑެތި މަގުތަކުން ދަތުރުނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅަނގު ސަރަޙައްދުގައި ހުރި ޑޭމްތަކުން ތިން ދުވަހުގެ މެދުކެނޑުމަކަށްފަހު ބުދަ ދުވަހު އަލުން ފެން ދޫކުރަން ފަށާފައިވާއިރު، މީގެ ސަބަބުން ކަންޗަނަބުރީ، ރަޗަބުރީ އަދި ސަމުތު ސޮންގްރާމް ޕްރޮވިންސްގެ މޭ ކްލޮންގް ކޯރުގެ ފެންގަނޑު 80 ސެންޓީމީޓަރަށް އުފުލޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް އާދީއްތަ ދުވަހު މި ޑޭމްތަކުން ފެން ދޫކުރުން އަނެއްކާވެސް ހުއްޓާލާނެއެވެ.

އިރުމަތީ ސަރަހައްދުގެ ބައެއް ޕްރޮވިންސްތަކުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، އެ ސަރަޙައްދުގައި އެހީއަށް ބޭނުންވާ 52،000 މީހުންނަށް ސިއްޙީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ސަރުކާރުން ބުންޏެވެ.

ފެންބޮޑުވުމުގެ ސަބަބުން ބައެއް ހަސްފަތާލުތަކުގެ ގިނަ ޚިދުމަތްތަކަށް ބުރޫ އަރާފައިވީނަމަވެސް، އެމެޖެންސީ ފަރުވާތައް މެދުނުކެނޑި ކުރިއަށްދާ ކަމަށާއި، ހާލު ސީރިއަސް ބަލިމީހުން އެހެން ހަސްފަތާލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ގާތްގަނޑަކަށް 8.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބެންކޮކަށް އަހަރުގެ ހަ މަސް ދުވަހު ކުރާ ވިއްސާރަ މޫސުމުގައި މިފަދަ ނުރައްކާތަކާ އާންމުކޮށް ކުރިމަތިލާންޖެހެއެވެ.

އިޤްތިޞާދީ މާހިރުން ލަފާކުރާ ގޮތުގައި، މި ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން ތައިލެންޑުގެ އިޤްތިޞާދަށް މަދުވެގެން 11 ބިލިއަން ބާތު (327 މިލިއަން ޑޮލަރު) ގެ ބޮޑު ގެއްލުމެއް ލިބޭނެއެވެ. އަދި ހާލަތު ރަނގަޅުނުވެއްޖެނަމަ މި ޢަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ.