ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަންމާފުޅު އަވަހާރަވެއްޖެ


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ލޮބުވެތި މަންމާފުޅު ގ.ރޯޒަރީ ޢާއިޝަތު މޫސާ މިރޭ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

އެކަމަނާ އަވަހާރަވެފައިވަނީ، އާލާސްކަންފުޅާ ޙާލުދެރަވެގެން އައި.ޖީ.އެމް.އެޗުގައި ފަރުވާދެއްވަމުންދާތާ ގިނަ ދުވަސްވެފައިވަނިކޮށެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

މީލާދީން 1936 ވަނަ އަހަރު ފުރަމާލެއަށް އުފަންވެވަޑައިގެންނެވި ގ.ރޯޒަރީ ޢާއިޝަތު މޫސާއަކީ، ކަނޑޫދޫގޭ މޫސާދީދީއާއި، ހަނދޭގިރިގޭ އައިމިނައިދީދީގެ ދަރިކަނބަލެކެވެ.

މަދަރުސަތުލް ޞާލިޙިއްޔާއާއި މަދަރުސަތުލް ސަނިއްޔާއިން ތަޢުލީމް ޙާސިލްކުރައްވާފައިވާ، މަރުޙޫމާ ޢާއިޝަތު މޫސާ އަކީ ޝާއިރެއްގެ އިތުރުން، ލިޔުންތެރިއެކެވެ. އެގޮތުން އަދަބީ ދާއިރާއަށް ޚިދްމަތް ކުރައްވަން ފެއްޓެވީ ހިޖުރައިން 1373 ވަނަ އަހަރުގައެވެ. އަބާރަނަ މަޖައްލާއައި އާއި ފަތްތޫރައަށް ވަރަށް ގިނަ ޅެންތައް އެކަމަނާ ހައްދަވާފައިވެއެވެ.

އަބާރަނައަށް ހެއްދެވި ޅެންތަކުގެ ތެރެއިން، މިވަނީ ކީއްތޯ؟، ހެކިވާނެ ތާރީޚާއި ސަނަދު، ކަންމިވީ ހުރި ގޮތޭ، ނަޞްލަކުން ދިވެހިން އައީތީ... މިޅެންތައް ފާހަގަކޮށްލެވެއެވެ. ފަތްތޫރައިގައި އެކަމަނާ ޝާއިޢްކުރެއްވި ޅެންތަކުގެ ތެރޭގައި، ހެޔޮ ނަޞޭޙަތް، އާކުރައްވާށޭ ޢަޒުމް، ޖިންސުއްލަޠީފުންގެ ޢަޒުމް... ފަދަ ޅެންތައް ވަރަށް ފާހަގަކޮށްލެވެއެވެ.

ދިވެހި ބަހުގެ އެކަޑަމީން ފާހަގަކުރައްވާގޮތުގައި އެކަމަނާއަކީ، އަމިއްލަފުޅަށް ޅެންވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގެންނެވި، ވަރަށް ޤާބިލް ބޭކަނބަލެކެވެ. އަދި އެކަމަނާގެ ޤައުމީ ޅެންތަކުގައި، ގިނަ ގުނަ އިލްތިމާސްތައް ކުރައްވާފައިވާކަންވެސް، ދިވެހި ބަހުގެ އެކެޑަމީން ފާހަގަކުރައްވައެވެ.



މަރުޙޫމާގެ މޫނު ދެއްކުން މިރޭ މެންދަމު 1:00 އިން 3:00 އަށް އާސަހަރާގައި އޮންނާނެއެވެ. މަރުޙޫމާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ ފަތިސްނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ވީހާވެސް ގިނަ ބޭފުޅުން ކަށުނަމާދާއި، ޖަނާޒާގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ ރައީސްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ވަރަށްބޮޑު އެދިވަޑައިގަތުމެކެވެ.

ޕީ.އެސް.އެމްގެ ބޯޑާއި، މެނޭޖްމެންޓާއި، މުވައްޒަފުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި، މެޑަމް ފާޠިމަތު އިބްރާހީމާއި، އެކަމަނާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމަވެ.