ދުނިޔެ

ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި މުޒާހަރާކުރަނީ


އެމެރިކާގެ ރިޔާސީ އިންތިޚާބު ރިޕަބްލިކަން ޕާޓީން ވާދަކުރެއްވި ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމެރިކާގެ އެތައްހާސް ބަޔަކު މަގުތަކަށް ނިކުމެ ޓްރަމްޕާއި ދެކޮޅަށް މުޒާހަރާކުރަން ފަށައިފިއެވެ.

އެމެރިކާގެ ރައީސްގެ މަގާމް ކުރިއަށްއޮތް ހަތަރު އަހަރު އަދާކުރާނީ ޓްރަމްޕްކަން ޔަގީންވުމާއެކު އެތައް ބަޔަކު ވަނީ އެމެރިކާގެ ވައިޓްހައުސް ކުރިމަތީގައި މުޒާހާރަކުރަން ފަށާ، ޓްރަމްޕް ވެރިކަމަށް އައުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ކެލެފޯނިއާގެ ފަނަރަ ސަތޭކައެއްހާ ކިޔަވާ ކުދިންނާއި ޓީޗަރުން ވަނީ މަގުތަކަށް ނިކުމެއް ޓްރަމްޕާއި ދެކޮޅަށް އަޑުއުފުލާފައެވެ. މީގެއިތުރުން ސިއޭޓްލް، ފީނިކްސް އަދި ލޮސް އެންޖެލެސްގައިވެސް އާންމުން ވަނީ އިންތިހާބުގެ ނަތީޖާ ލިބުމާއެކު ހިންހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކޮށްފައެވެ.

މުޒާހަރާ ކުރަމުންދިޔަ ބައެއް މީހުން ބުނަމުން ދިޔައީ އެމެރިކާގައި ތަފާތުކުރުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.