ޚަބަރު

ޕްރައިމަރީން ބަލިވުމުން އަމިއްލަގޮތުން ވާދަނުކުރެވޭ ގޮތް ހަދަނީ


ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ ކެނޑިޑޭޓުންނަށް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ޤާނޫނަށް ބަދަލު ގެނައުމުގެ ވިސްނުން ގެންގުޅޭކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެޕާޓީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވާ ފަރާތްތައް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަކީ ހުރިހާ ސިޔާސީ ޕާޓީއަކަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކޮށްގެން އެކަމަށް ހައްލެއް ހޯދުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެކެރަޓަރީ ޖެނެރަލް، ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ އެ ޕާޓީގެ ފަރާތުން އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދޭނެ އުސޫލުއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި މި އުސޫލުގެ ދަށުން އިންތިހާބުގައި ވާދަކުރާނީ ހަތްދިހަ ފަސް ޕޮއިންޓުން މަތި ލިބޭ ފަރާތްތަކަށް އެކަނިކަމަށްވެސް ޑރ ހަލީލް ވިދާޅުވިއެވެ.

ޑރ. ހަލީލް ވިދާޅުވީ، ޕީޕީއެމްގެ ދަފުތަރު އެކުލަވާލާ ގާތްގަނޑަކަށް މިހާރު ނިމިފައިވާކަމަށާއި އަންނަ ހަފްތާގެ ތެރޭގައި މި ދަފުތަރު އާއްމުކުރައްވާނޭކަމަށެވެ. ޕާޓީން ލިބުނު ބައެއް މައުލޫމާތުތަކުގެ އަލީގައި އެކުލަވާލި މި ދަފްތަރަކީ ނުވަދިހަ އިންސައްތަ ސައްހަ ދަފުތަރަކަށް ވާނެކަމަށްވެސް ޑރ.ހަލީލް ވިދާޅުވިއެވެ.

ޕީޕީއެމުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.