ވިޔަފާރި

2013 ގެ ކުރިން ދޫކޮށްފައިވާ ޗެކްތައް ބަލައިގަތުން ހުއްޓާލަނީ


2013 ވަނަ އަހަރުގެ ކުރިން ދޫކޮށްފައިވާ އެއްވެސް ޗެކް ފޮތެއްގެ ޗެކެއް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަލައިނުގަންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސުން ބުނެފިއެވެ. 2013 ގެ ކުރިން ބޭންކުން ދޫކޮށްފައިވާ އެއްވެސް ޗެކްފޮތެއް ގެންގުޅޭ ފަރާތެއް ވާނަމަ ވީ އަވަހަކަށް އެ ފޮތްތައް އާކުރުމަށް ބީއެމްއެލުން އެދެފިއެވެ.

ބީއެމްއެލުން ބުނީ ކުރީގެ ޗެކް ފޮތްތައް ބަލައިނުގަންނަން ނިންމީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭ އިން ޗެކް ކްލިއަރިންގެ މަސައްކަތް އޮޓޮމޭޓް ކުރުމަށް ހަމަޖެހިފައިވުމާއެކު އެކަމަށް ބޭނުންވާ މިންގަނޑުތަކަށް ޢަމަލުކުރުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލުން ޗެކު ދޫކުރުމާއި ލިޔުމުގައި މިހާރު ޢަމަލުކުރަމުންދާ އެހެން ބައެއް އުސޫލުތަކަށްވެސް އެ ބޭންކުން ވަނީ ބަދަލު ގެނެސްފައެވެ. ބީއެމްއެލުން ބުނީ ސަލާމަތީ އިތުރު ފިޔަވަޅެއްގެ ގޮތުން މެގްނެޓިކް އިންކް ކެރެކްޓަރ ރިކޮގްނިޝަން، މައިކަރ ޕްރިންޓް ބޭންޑެއް އާ ޗެކުތަކުގެ ތިރީ ކައިރީގައި ހިމަނާފައިވާނޭ ކަމަށެވެ. އަދި ޗެކްގައި ލިޔެ ސޮއިކޮށް ތައްގަޑު ޖަހާއިރު އެ ބޭންޑަށް ނަރާ ގޮތަށް އެކަން ކުރުމަށާއި ޗެކްތަކަށް ހީރަސްޖަހާ ފަތް ނުޖެހުމަށްވެސް ބީއެމްއެލުން އެދެއެވެ.

މީގެއިތުރުން ޗެކުގައި ލިޔުމަށްފަހު އެއްވެސް ބަދަލެއް ގެނެސްފައިވާ ޗެކުތައް އަންނަ އަހަރުން ފެށިގެން ބޭންކުން ޤަބޫލު ނުކުރާނެ ކަމަށާއި އެހެންކަމުން ޗެކު ލިޔުމުގައި ކަސްޓަމަރުން އިތުރަށް ސަމާލުވުމަށްވެސް ބީއެމްއެލުން އެދެއެވެ.