ޚަބަރު

ޑޮނަލްޑް ޓްރަމްޕަށް، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ


އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ހޫނު ‏މަރުޙަބާއެއް ވިދާޅުވެފައިވެއެވެ. އަދި، އެމެރިކާ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް ޑޮނަލްޑް ޓްރަމްޕް ކާމިޔާބުކަމާއެކު އަދާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ހެޔޮއެދުންތައް ‏‏ފޮނުއްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުމުގެ މައްޗައް އަލި އަޅުއްވާލައްވަމުން، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައި، އެމެރިކާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، ‏‏ކުރިއަށް އޮތް ތާނގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ މެސެޖުގައި ޑޮނަލްޑް ޓްރަމްޕަށް ފުރިހަމަ ޞިއްޙަތަކަށް އެދިލައްވާކަމުގައި ވިދާޅުވެފައިވެއެވެ.