ޚަބަރު

މެންބަރު ސަލީމާއި ޝުޖާޢުގެ ތާޢީދު ޕީޕީއެމް މުސްތަޝާރަށް


ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާޙީމް ޝުޖާޢު ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާ ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

ޕީޕީއެމުން މިއަދު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ދެމެމްބަރުން ބައިވެރިވެޑައިގެންފައިވެއެވެ. ޕީޕީއެމުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީއާއި އަލަށް ގުޅުނު 600 އަށްވުރެ ގިނަ މެންބަރުންގެ ފޯމް އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ޙަވާލުކުރައްވާފައިވެއެވެ. މިއަދު ރައީސް ޢަބްދުﷲ ޔާމީނާ ޙަވާލުކުރައްވާފައިވަނީ ގއ. ވިލިނގިލިން މުޅިން އަލަށް ޕީޕީއެމާ ގުޅުނު 504 މެންބަރުންގެ ފޯމާއި، މާފަންނު މެދު ދާއިރާއިން ޕީޕީއެމާ އަލަށް ގުޅުނު 100 މެންބަރުންގެ ފޯމެވެ.

މިފޯމްތަކާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޕީޕީއެމާ އަލަށް ގުޅޭ މެންބަރުންގެ ޢަދަދު އެތައް ގުނައެއް އިތުރުވަމުން ދަނީ ޕީޕީއެމްގެ މަސައްކަތްތައް އިތުރަށް ހަލުވި ކުރެވި ކައުންސިލާއި ޕީޖީ ގްރޫޕުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. އަދި ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުން ބަލައިގަންނަކަން މިކަމުން ހާމަވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޕީޕީއެމްގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކާއި ޕާޓީގެ ފިކުރުން އެއްކިބާވެގެން ވަކިން މަސައްކަތްކުރަމުންދާ ފަރާތްތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން ޕާޓީއަށް ވަނީ ގެއްލުން ކަމަށާއި، ފައިދާވަނީ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން ޕާޓީގެ ޢާންމު މެންބަރުން ޕީޕީއެމަށްކުރާ ތާއީދަށް ލީޑަރޝިޕުން އިޙްތިރާމް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕީޕީއެމްގެ މެންބަރުންގެ ޢަދަދު އިތުރުކުރެއްވުމަށް އަތޮޅުތެރޭގެ ރަށްތަކަށް ޚާއްޞަ ދަތުރުތަކެއް ކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމަކީ އެޕާޓީގެ މެންބަރުންގެ ޕާޓީއެއްގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބުރައީސް އަދި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ޕީޕީއެމް ހަރަކާތްތެރި ވާންޖެހޭ ވަރަށް ހަރަކާތްތެރި ނުވެވި ވަރަށް ގިނަދުވަސްތަކެއް ވަންދެން އޮތުމަށްފަހު ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ޕާޓީގެ ކަންކަން އިތުރަށް ހަރުދަނާކުރެވި އަވަސްކުރެވިފައިވާ ކަމަށެވެ. މިއީ ޕާޓީއާމެދު ޕާޓީގެ ޢާންމު މެންބަރުންނަށް ލިބުނު ކުރިއެރުމަކާއި ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.