ޚަބަރު

ޣައްޒާ އަލުން އާރާސްތު ކުރުމަށް 71.5 ބިލިޔަން ޑޮލަރު ބޭނުންވޭ


ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކޮށް ބިނާ ކުރުމަށް 71.5 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން ބޭނުންވާ ކަމަށް އދގެ ޔޫއެންސީޓީއޭޑީ ރިޕޯޓުގައި ބުނެފިއެވެ.

ޔޫއެންސީޓީއޭޑީގެ 73ވަނަ ބައްދަލުވުމުގައި ހުށަހަޅާފައިވާ ރިޕޯޓުގައި ބުނީ ޣައްޒާގެ އިޤްތިޞާދަށް ކޮށްފައިވާ އަސަރު ރެކޯޑު ކުރެވިފައި ވަނީ މިހާ ތަނަށް އިޤްތިޞާދަކަށް ކުރިމަތިވި އެންމެ ބޮޑު ހީނަރުކަމުގެ ގޮތުގައި ކަމަށެވެ.

ރިޕޯޓުގައި ބުނީ ފާއިތުވި 59 އަހަރު ޔަހޫދީން ފަލަސްޠީނު އިސްތިއުމާރުކޮށްފައި އޮތް އޮތުމާއި ޔަހޫދީން ދަތިކޮށްފައިވާ ދަތިކުރުން ތަކަކީ އޭގެ ސަަބަބުން ފަލަސްޠީނުގެ އިޤްތިޞާދުގެ ކުރިއެރުން ހުއްޓުވައިލި ކަންތައްތަކެއް ކަމަށެވެ. އޭގެ ސަބަބުން ފަލަސްޠީނުގެ އުފެއްދުންތެރިކަން ހީނަރުވެ، ފަޤީރުކަން އިތުރުވެ، ލިބޭ އެހީގެ މައްޗަށް ބަރޯސާވުމަށް އެ ޤައުމަށް މަޖުބޫރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ފަލަސްޠީނުގެ އިޤްތިޞާދަށް ބޮޑު ހީނަރުކަން އައި ނަމަވެސް 2023ވަނަ އަހަރު ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފެށުމާއެކު އިޤްތިޞާދީ ގެއްލުންތައް އެތައް ގުނަޔަކުން އިތުުރުވެގެން ދިޔަ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ހަނގުރާމަ ފެށުނު ފަހުން ޔަހޫދީންގެ ނިރުބަވެރި ހަމަލާތަކުގައި ޣައްޒާގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގާ މަރުކަޒުތަކުގެ ގާތްގަނޑަކަށް 90 އިންސައްތައަށް ގެއްލުންވެފައި ނުވަތަ އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ވަޒީފާ ނެތް މީހުންގެ ޢަދަދު ވެސް ބޮޑުތަނުން އިތުރުވެފައިވާ އިރު، ވަޒީފާ ޢަދާ ކުރެވޭ އުމުރުގެ އާބާދީގެ 90 އިންސައްތައަކީ ވަޒީފާ ޢަދާ ނުކުރާ މީހުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ފަލަސްޠީނުގެ އެހެން ސަރަޙައްދުގައި ވެސް އެތައް ސަތޭކަ ހާސް މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮޮށްފައިވެއެވެ. އޭގެ ސަބަބުން އާމްދަނީގެ ގޮތުގައި ލިބޭނެ 2.8 ބިލިޔަން އެމެރިކާ ޑޮލަރު އިޤްތިޞާދުން ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޣައްޒާގެ އުފެއްދުންތެރިކަމުގެ ނިސްބަތް މިދިޔަ އަަހަރު ހުރީ 212 ޑޮލަރުގަައެވެ. އެއީ 2022ވަނަ އަހަރާ އަޅާ ބަލައިއިރު 83 އިންސައްތައިގެ ދަށްވުމެކެވެ. ވޯލްޑް ބޭންކްއާއި އައިއެމްއެފްއާއި ޔޫރަޕިއަން ޔޫނިއަންއާއި އދން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ޣައްޒާއަށް އުމްރާނީ ގޮތުން ލިބިފައިވާ ގެއްލުން 35.2 ބިލިޔަން ޑޮލަރަށް އަރައެވެ. އަދި އިޤްތިޞާދީ ގެއްލުމާއި އިޖްތިމާޢީ ގެއްލުމުގެ ޢަދަދު 22.7 ބިލިއަންއަށް މި އަހަރުގެ ކުރީކޮޅު ވަނީ އަރައިފައެވެ. ޣައްޒާ އަލުން އާރާސްތުކުރުމަށް ބޭނުންވާ ކަމަށް ލަފާކޮށްފައިވާ 71.5 ބިލިޔަންގެ ޢަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށް ޔޫއެންސީޓީއޭޑީއިން ބުނެއެވެ.

ޣައްޒާއަށް އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވާ ދާއިރާއަކީ ބޯހިޔާވަހިކަމުގެ ދާއިރާއެވެ. ޣައްޒާގެ ގެތައް ހަނގުރާމައިގައި ސުންނާފަތިވެ ބިމާ ހަމަވެފައިވާއިރު، ހަސްފަތާލުތަކާއި ކްލިނިކްތަކުގެ ދެބައި ކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހުރީ ބޭނުންކުރެވޭ ޙާލަތުގައެއް ނޫނެވެ. ޣައްޒާގެ ދަނޑުބިންތަކުގެ ތެރެއިން ބޭނުން ކުރެވޭ ފަދަ ޙާލަތެއްގައި ހުރީ އެ ފަދަ ބިންތަކުގެ އެންމެ 1.5 އިންސައްތައެވެ.

ރިޕޯޓުގައި އިތުރަށް ބުނީ ޣައްޒާއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެ ދަނޑުވެރިކަމާއި ސިނާޢީ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން ހަކަތައާއި ޓެކްނޮލޮޖީގެ ދާއިރާ އާރާސްތުކުރުމަށް ބައިނަލްއަޤްވާމީ މާލީ އަދި ފަންނީ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ބޭނުންވާ ކަމަށެވެ. އެ ރިޕޯޓުގައި ވަނީ ހިފަހައްޓާފައިވާ ފަލަސްޠީނުގެ ފައިސާ ދޫކުރުމަށް ގޮވާލައިފައެވެ. އަދި ފަލަސްޠީނުގެ ބެންކިންގގެ ނިޒާމު ރައްކާތެރިކުރުމަށް ވެސް ގޮވާލާފައިވެއެވެ.