ޚަބަރު

ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް ނިހާން، ނައިބަކަށް އާމިރު


އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ދިރާސާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް މެޖޯރިޓީ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު، ނާއިބު މުޤައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ހަމަޖައްސަވައިފިއެވެ. ބަޖެޓް ކޮމިޓީއަކީ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ދާއިމީ ކޮމިޓީއެކެވެ. 

ސަރުކާރުގެ އަޣްލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ނާއިބު މުޤައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ޢައްޔަންކުރައްވާފައިވަނީ، ކޮމިޓި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. 

މިދިޔަ އަހަރު މަޖިލީހަށް ހުށައެޅުއްވި މިއަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވި ބަޖެޓް ކޮމިޓީގެ މުޤައްރިރަކީވެސް އަޙްމަދު ނިހާން ޙުސައިން މަނިކެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވާ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ހުށައަޅުއްވާފައިވަނީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ބަހުސްކުރަން ހޯމަ ދުވަހުގެ ޖަލްސާގައި ފަށްޓަވާގޮތަށް މަޖިލީހުގެ ރިޔާސަތުން ވަނީ ކަނޑައަޅުއްވާފައެވެ. އަދި ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް މާދަމާ ފަށާގޮތަށް ބަޖެޓް ކޮމިޓީން ވަނީ އެޖެންޑާކުރައްވާފައެވެ.