ކުޅިވަރު

އިންޑިއާ މެޗަކީ އެކުވެރިކަމަކަށްވުރެ ސީރިއަސް މެޗެއް: އަންޗެލޯޓީ


އިންޑިޔާއާ ދެކޮޅަށް ބްރެޒިލް ކުޅޭ އެކުވެރިކަމުގެ މެޗަކީ ސީރިއަސް މެޗެއް ކަމަށް ކޯޗު ކާލޯ އަންޗެލޯޓީ ބުނެފި އެވެ.

އިންޑިއާ އަކީ ދެކުނު އޭޝިޔާގެ ފުޓްބޯޅައިގެ އެންމެ ގަދަ ބާރެވެ. ނަމަވެސް ބްރެޒިލް ފަދަ ދުނިޔޭގެ ފެންވަރުގެ ޓީމަކާ ދެކޮޅަށް އިންޑިޔާ ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.

"އިންޑިއާ މެޗަކީ އެކުވެރިކަމުގެ މެޗަކަށްވުރެ ސީރިއަސް މެޗެއް. އަހަރުމެން މި މެޗު ވަރަށް ސީރިއަސްކޮށް ނަގާނަން. އަހަރެންނަށް އެނގޭ އިންޑިއާ އަށް ބްރެޒިލް ފަދަ ގައުމުތަކާ އެކު ކުޅުމަކީ އާ ކަމެއްކަން. ހަމަމިއާއެކު މިއީ އަހަރުމެންނަށް ވެސް އެހެން ގައުމުތައް ކުޅޭ ގޮތާއި މާހައުލު ދެނެގެނަން ލިބޭ ފުރުސަތެއް،" އަންޗެލޯޓީ ބުންޏެވެ.

ބްރެޒލް އަކީ ދުނިޔޭގެ ރޭންކިންގެ ފަސް ވަނަ ގައުމެވެ. އިންޑިއާ އަކީ 138 ވަނަ ގައުމެވެ. ނަމަވެސް ފުޓްބޯޅައިގައި މވަގުތު ހުރި އެންމެ ކާމިޔާބު އެއް ކޯޗު ބުނީ އިންޑިއާ އަކީ އޭނާ މީގެ ކުރިން ދިޔަ ގައުމެއް ނޫން ކަމަށާއި މިހެންވެ އިންޑިޔާ އަށް ދެވޭތީ ވެސް އުފާވާ ކަމަށެވެ.

"ބްރެޒިލްގެ ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި. ހާއްސަކޮށް އިންޑިޔާގައި ތިބި ސަޕޯޓަރުންނަށް މިއީ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ،" 67 އަހަރުގެ ކޯޗު ބުންޏެވެ.

އަންނަ ހަފުތާގައި ކުޅޭ މި މެޗަށް ބްރެޒިލްގެ ގަދަ ތަރިން އިންޑިއާއަށް ދާން ހަމަޖެހިފައިވާއިރު މީގެ ކުރިން ރަސްމީކޮށް އެ ގައުމަށް ދިޔަ ބްރެޒިލްގެ އެންމެ ވަރުގަދަ ލެޖެންޑަކީ މަޝްހޫރު ޕެލޭ އެވެ. އޭނާ ވަނީ 1977 އާއި 2015ގައި އިންޑިޔާ އަށް ޒިޔާރަތް ކޮށްފަ އެވެ.

އިންޑިއާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ މާދަމާ އާއި މި މަހުގެ 29ގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅުމަށްފަހު އޮކްޓޫބަރު މަހުގެ ތިނެއްގަ އެވެ. އޭގެ ފަހުން ނޮވެމްބަރު 14 ވަނަ ދުވަހު ޖަޕާނާ ދެކޮޅަށް އަދި 17 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް ވެސް ކުޅޭނެ އެވެ.