ވިޔަފާރި

އެސްޓީއޯއަށް 56 މިލިއަން ރުފިޔާގެ ފައިދާއެއް


އެސްޓީއޯއަށް މިއަހަރުގެ ތިންވަނަ ކުއަރޓަރގައި ސާފު ފައިދާގެ ގޮތުގައި ފަންސާސް ހަ މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއާއެކު މިއަހަރުގެ ފުރަތަމަ ނުވަމަސްދުވަހުގެ ތެރޭގައި އެސްޓީއޯއަށް ލިބުނު ފައިދާގެ ޢަދަދު ވަނީ ދުއިސައްތަ ސާޅީސް ހަތްމިލިއަނަށް އަރާފައެވެ. ސަރުކާރާއި ރައްޔިތުން ޙިއްޞާވާ ކުންފުނި، އެސްޓީއޯއިން ޢާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއަރޓަރގެ މާލީ ހިސާބްތައް ދައްކާގޮތުން އެ ކުއަރޓަރގައި އެކުންފުންޏަށް ލިބިފައިވާ ފައިދާގެ މިންވަރަކީ މިދިޔަ އަހަރުގެ ތިންވަނަ ކުއަރޓަރާ އަޅާބަލާއިރު، އެކާވީސް އިންސައްތަ ދަށް އަދަދެކެވެ. އަދި މިއަހަރުގެ ދެވަނަ ކުއަރޓަރާ އަޅާ ބަލާއިރު ނަވާވީސް އިންސައްތަ ދަށް ޢަދަދެކެވެ. 

އެ ކުއަރޓާރގައި އެކުންފުންޏަށް ލިބިފައިވާ އެކެއް ޕޮއިންޓް ހަތަރެއް ބިލިއަން ރުފިޔާގެ ޢާމްދަނީއެކެވެ. މިއަހަރުގެ ދެވަނަ ކުއާޓާރުގައި ވިޔަފާރިކުރުމަށް އެސްޓީއޯއިން 1.3 ބިލިއަން ރުފިޔާ ހޭދަދުކޮށްފައިވާއިރު، މިއަހަރުގެ ތިންވަނަ ކުއަރޓަރގައި އެ އަދަދު ވަނީ 1.2 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއަހަރުގެ ތިންވަނަ ކުއަރޓަރގެ ފައިދާއިން ޙިއްޞާއަކަށް ޖެހެނީ ފަންސާސް ރުފިޔާ އަށް ލާރިއެވެ.