ވިޔަފާރި

ބަޖެޓް 2017-އެއަރޕޯޓްތައް ތަރައްޤީކުރުމަށް ބޮޑު ހޭދައެއް


ޕީ.އެސް.އައި.ޕީ ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަކީ ދައުލަތުން ހިންގާ އުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ޕްރޮގްރާމެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުން ޙާއްސަ އިސްކަމެއް ދެއްވައިގެން ކުރިޔަށްގެންދަވާ މަޝްރޫޢުތަކެކެވެ. ޕީއެސްއައިޕީއަށް ސަރުކާރުން ކުރުމުންގެންދާ ޙަރަދު އެއްއަހަރުން އަނެއް އަހަރަށް ދަނީ އިތުރުކުރައްވަމުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުން، ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ، ލަފާފުރުމާއި ދަތުރު ފަތުރުގެ ދާއިރާ ތަރައްޤީކުރެއްވުމަށެވެ. ދަތުރުފަތުރުގެ ދާއިރާއަށް ޕީ.އެސް.އައި.ޕީގެ ތެރެއިން 28.7 (އަށާވިސް ޕޮއިންޓް ހަތެއް) އިންސަތަ ޚަރަދުކުރެއްވުމަށް ކަނޑައަޅުއްވާފައިވެއެވެ. މި ބައިން އެންމެ ބޮޑު ހޭދައެއް ކުރެއްވުމަށް ހަމަޖައްސަވާފައިވަނީ، ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. ވައިގެ ބަނދަރު ތަރައްޤީކުރެއްވުމުގެ މަޝްރޫޢުތަކުގެ ތެރެއިން މިއަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ، ހދ ކުޅުދުއްފުއްޓާއި، ށ ފުނަދޫއާއި ގދ ފަރެސްމާތޮޑާގެ އިތުރުން ފ.ނިލަންދޫ ވައިގެ ބަނދަރު ތަރައްޤީކުރެއްވުމުގެ މަޝްރޫޢުއެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އައި.ޑީ.ބީ ލޯނު އެހީގެ ދަށުން މިހާރު ކުރިޔަށްގެންދަވާ 9 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއާއި އޭ.ޑީ.ބީގެ ހިލޭ އެހީގައި ކުރިޔަށްގެންދާ ހދ.ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުއާއި ޑޮމެސްޓިކް ބަޖެޓުން ޚަރަދުކޮށްގެން 60 މަޝްރޫޢެއް ހިންގުމަށް މިއަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. 

ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ބަޖެޓްގައި 2294.5 (ދެހާސް ދުއިސައްތަ ނުވަދިހަ ހަތަރެއް ޕޮއިންޓް ފަހެއް) މިލިޔަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ. މިއީ، ޖުމްލަ ޕީއެސްއައިޕީގެ 28.7 އިންސައްތައެވެ. ޕީ.އެސް.އައި.ޕީގެ ދަށުން ސިއްޙީ، އިޖްތިމާޢީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާގެ އިތުރުން ފެނާއި ނަރުދަމާއަށްވެސް ބޮޑު ބައެއް ހޭދަކުރުމަށްވަނީ ކަނޑައަޅުއްވާފައެވެ.