ޚަބަރު

ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިންމަވާލައްވާނީ އަރަނި ބަޖެޓަކުން


އަންނަ އަހަރުގެ ބަޖެޓަކީ، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދު ކުޑަބަޖެޓަކަށްވުުމުން ރައީސް ޔާމީންގެ 5 އަހަރުގެ ދައުރު ނިންމަވާލައްވާނީ އަރަނި ބަޖެޓަކާއި އެކުކަން ހާމަވެގެން ހިނގައްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ފެނިގެން ގޮސްފައިވަނީ ލިބޭ އާމްދަނީއަށްވުރެ ކުރެވޭ ޚަރަދު ބޮޑު ބަޖެޓުތަކެކެވެ. 2015 ވަނަ އަހަރުގެ ބަޖެޓްގެ ޑެފިސިޓަކީ 4.1 ބިލިއަން ރުފިޔާއެވެ. މިއަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް 4.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވެއެވެ. މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 36.9 ބިލިއަން ރުފިޔާ ގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގެ އަރަނި 1.1 ބިލިއަން ރުފިޔާއަށް ހެއްދެވުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ބަޖެޓުގެ އާމްދަނީ ހޯދުމަށް ހިމަނާފައިވާ މަޝްރޫޢޫތަކުން ވާސިލްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. 

ނިހާން ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒަކީވެސް ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނި ކުޑަކުރެއްވުން ކަމަށެވެ. ރާއްޖޭގެ ތާރީޚްގައި އެންމެ ފަހުން އަރަނި ބެޖެޓެއް ހުށައަޅަފައިވަނީ 2003 ވަނަ އަހަރުކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ، 2004 ވަނަ އަހަރުގެ ސުނާމީ އަށް ފަހު ބޮޑެތި ލޮޅުންތަކެއް ދައުލަތުގެ ބަޖެޓަށް އަރައިގެންދިޔަ ކަމަށެވެ. ނަމަވެސް ރައީސް ޢަބްދުﷲ ޔާމީންގެ ފިޒިކަލް ޕޮލިސީއާއި، އެތެރެއާއި ބޭރުގެ ދަރަނިން ސަލަމާތްވުމަށް އަމާޒު ކުރައްވާފައިވާއިރު، ސަރުކާރުގެ މިސްރާބުވެސް ހުރީ އެދިމާއަށް ކަމަށް ވިދާޅުވިއެވެ. ތިލަފަތްހަމަ އަރަނި ބަޖެޓަކަށް ދައުލަތުގެ ބަޖެޓް މިސްރާބު ޖަހާފައިވާ ކަމަށާއި، 5 އަހަރު ނިމުމުގެ ކުރިން އަރަނި ބަޖެޓެއް ފެންނާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"2018 ވަނަ އަހަރު ފަސްދައުރު ނިމޭއިރު ތިމަން މަނިކޔފާނު ރައްޔިތުންނަށްޓަކާ ހުށައަޅުއްވާ ބަޖެޓް ވެގެންދާނީ ތިލަފަތް ހަމަ ދަރަންޏާ އަރަނި އެއްހަމަ ބަޖެޓަކަށް ނުވަތައެއަށް ތިލަފަތް ހަމަވާ މިންގަނޑަށް ފިޔަވަޅު އެޅިފައިވާ ބަޖެޓަކަށޭ ވިދާޅުޥާ ވިދާޅުވުން ހަގީގަތަކަށް ވާމަންޒަރު މިފެންނަނީ" ނިހާން ވިދާޅުވިއެވެ.

ކެލާ ދާއިރާގެ މެމްބަރު ޢަލީ ޢާރިފް ވިދާޅުވީ، ޕީއެސްއައިޕީއަށް ރާއްޖޭގެ ތާރީޚްގައިވެސް ހޭދަ ނުކުރައްވާ މިންވަރަށް ރާއިސް ޔާމީން ހޭދަކުރައްވަމުން ގެންދަވާ ކަމަށާއި، ޚާއްސަކޮށް އަތޮޅުތަކުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިމަނުއްވާފައިވާ ކަމަށެވެ. މިހާތަނަށް ސާރޕްލަސް ނުވަތަ އަރަނި ބަޖެޓެއް ރާއްޖެއިން ފެނިފައިނުވާކަން ފާހަގަކުރައްވަމުން އަލީ އާރިފް ވިދާޅުވީ، ދައުލަތަށް އާމްދަނީ ހޯދުމަށް އަންދާޒާކޮށްފައިވާ ހުރިހާ ފައިސާއެއް ލިބިއްޖެނަމަ ދައުލަތުގެ ބަޖެޓް އަރަނި ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"2004 އަހަރުން ފެށިގެން ދުވަހަކުވެސް ސާރޕްލަސް ބަޖެޓެއް ދެކިލާހިތުންވެސް ނުދެކެން.  ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވަމުންގޮސް 2008 ވަނަ އަހަރު 30 ބިލިއަނާ ގާތުގައި ދަރަނި ހުރި. ނަމަވެސް ރައީސް ޔާމީންގެ މަސައްކަތުން މަޑުމަޑުން ގޮސް އަރަނި ބަޖެޓަކަށް އެ މަސައްކަތްުރައްވަނީ" ނިހާން ވިދާޅުވިއެވެ.

ދެބޭފުޅުންގެ ވާހަކާފުޅުގަވެސް ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހިމަނުއްވާފައިވާ މަޝްރޫޢުތަކަށް ތާއީދުކުރެއްވިއެވެ. ޚާއްސަކޮށް އާމްދަނީ ހޯދުމަށް މުޅިން އަލަށް ބަޖެޓުގައި ހިމަނުއްވާފައިވާ ކަންކަމުގެ ތެރޭގައި ސިނގިރޭޓާއި ފިޒީ ޑްރިންކްސްއިން ޑިއުޓީ ބޮޑުކުރުމާއި، މާލެ ސަރަޙައްދުގެ ދުއްވާތަކެތީގެ ތޮއްޖެހުން ކުޑަކުރުމަށް ކޮންޖެސްޝަން ޗާޖެއް ތައާރަފް ކުރެއްވުމަށް ނިންމަވާފައިވުމާއި، އެއަރޕޯޓް ޑެވެލޮޕްމަންޓް ޗާޖެއް ނެގުމަށް ހިމަނުއްވާފައިވުމަކީ ޤައުމީ ނަޒަރަކުން ފައިދާކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.