ޚަބަރު

މަސީޙްގެ އިތުބާރުނެތްކަމުގެ ވޯޓު ފެއިލްކޮލާނެ - ނިހާން


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރުނެތްކަމުގެ ވޯޓު ޕީޕީއެމާއި އެމްޑީއޭގެ ގުޅިގެން ފެއިލްކޮށްލާނެކަމަށް ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން ބުނެފިއެވެ.

ދަރުބާރުގޭގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވަނީ މަޖިލީހުގެ ވަގުތު ބޭކާރުކޮށްލުމަށް އިދިކޮޅު އެމްޑީޕީން އަބަދުވެސް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ނަމަވެސް މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކުރާ މަސައްކަތުގެ ފަހަތުގައި ތިއްބެވީ ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްކަމަށް ނިހާން ތުހުމަތު ކުރެއްވިއެވެ. މިއީ އެދެބޭފުޅުން އެމްޑީޕީގެ މެމްބަރުންނަށް ހިތްވަރު ދެއްވައިގެން ކުރައްވާ ކަމެއްކަމަށް ތުހުމަތު ކުރައްވަމުން ނިހާން ވިދާޅުވީ، ޕީޕީއެމްގެ ރައީސް އެކަމުގެ އަޑީގައި ހުންނެވީތީ ޕީޕީއެމާއި، އެޕާޓީގެ ކައުންސިލުން ހިތާމަކުރާ ކަމަށެވެ. އެކަން ކުށްވެރި ކުރައްވަމުން ނިހާން ވިދާޅުވީ، ޤައުމަށް ސުލްޙަ މަސަލަސްކަމާއި، އެއްބައިވަންތަކަމާއި ހަމަޖެހުން އަދި އަދުލް އިންސާފާއި އިޤްތިޞާދީ މަސައްކަތްތައް ގެނެވެނީ ޤައުމުގެ އެހެން ބާރުތަކުންވެސް އެއްބާރުލުމާއި އެކުކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ ވިސްނުންތެރިކަމާއެކު ސަތޭކައަށްވުރެ ގިނަ ޤާނޫނު 18 ވަނަ މަޖިލީހުން ފާސްކުރައްވާފައިވާ ކަމަށާއި، 98 އިންސައްތަ އަކީ ޕީޕީއެމުން ހުށައަޅާފައިވާ ބިލްތައްކަން ނިހާން ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ކުރާ މަސައްކަތަކީ ދިވެހި ދައުލަތާއި ޤައުމަށް އެއްވެސް ބޭނުމެއް އޮތް މަސައްކަތެއް ނޫންކަމަށް ވިދާޅުވެ ނިހާން ވަނީ އެކަން ނުރައްކާތެރި ރޭވުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ޕީޕީއެމާއި އެމްޑީއޭ ގުޅިގެން އެކަން ފެއިލްކޮށްލާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސް އިތުބާރުނެތްކަމަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް އެންމެ ބާރަށް އުޅުއްވާ އެއް ބޭފުޅަކަށް މިއަދު މިވަނީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް. އެކަން ފާހަގަކުރުމަކީ ހިތާމައާއެކު މިވާހަކަ މިދަންނަވާލަންޖެހޭ. އޭގެ އިތުރުން އެބަފެނޭ ޖުމްހޫރީޕާޓީގެ ފަރާތުން ޤާސިމް އިބްރާހީމް އަދި މިދެބޭފުޅުން އެއްބައިވެގެން އެމްޑީޕީގެ މެމްބަރުންނަށް ހިތްވަރުދީގެން މި މަސައްކަތުގަ އެޢަދަދު ހަމަވޭތޯ ވޭތުވެދިޔަ ދުވަސްތަކުގައި މަސައްކަތްކުރާތަން. ނަމަވެސް ދަންނަވާލަން ބޭނުން މި މަސައްކަތަކީ ދިވެހި ދައުލަތަށް، ޤައުމަކަށް އެއްވެސް ބޭނުމެއްހުރި މަސައްކަތެއް ނޫނޭ އެބޭފުޅުން އެ ކުރައްވަނީ" ނިހާން ވިދާޅުވިއެވެ.

 ޕީޕީއެމުން ބޭއްވި ޕްރޮސްކޮންފަރެންސްގައި ވާހަކަ ދެއްކެވި އެޕާޓީއާއި އެމްޑީއޭގެ ހުރިހާ މެމްބަރުންވެސް ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ނަގަންއުޅޭ ވޯޓަކީ ދައުލަތާ ދެކޮޅު އަމަލެއް ކަމަށް ސިފަކުރައްވާފައެވެ.