ޚަބަރު

ބަޖެޓް 2017 - 60 އިންސައްތަ ޕީ.އެސް.އައި.ޕީއަށް


އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓުގެ 60 އިންސައްތަ ހޭދަކުރެވިގެންދާނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ނުވަތަ ޕީ.އެސް.އައި.ޕީ އަށްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

2017 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ (%13.2) ތޭރަ ޕޮއިންޓް ދޭއް ބިލިއަން ރުފިޔާގެ 60 އިންސައްތަ ހޭދަކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ނުވަތަ ޕީ.އެސް.އައި.ޕީ އަށްކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫޢުތައް ކަނޑައެޅުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ އިޤްތިޞާދީ މަސައްކަތްތަކަށް މަގުފަހިކޮށްދޭ ފަދަ މަޝްރޫޢުތަކަށެވެ. 2017 އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މުޅި ޖުމްލަ އަދަދަކީ ސައްބީސް ބިލިއަން ހަތްސަތޭކަ ނުވަދިހަ އެއް މިލިއަން ފަސްސަތޭކަ ބާވީސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫޢުތައް ވަނީ 8 ބަޔަކަށް ބަހާލާފައެވެ. މިގޮތުން އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ ލަފާފުރުމުގެ މަޝްރޫޢުތައް ހިންގުމަށެވެ. މިގޮތުން ޕީއެސްއައިޕީ ބަޖެޓްގެ އަށާވީސް ޕޮއިންޓް ހަތެއް އިންސައްތަ (%28.7) ލަފާފުރުމަށް ވަނީ ކަނޑައަޅާފައެވެ. ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކަށް ބާވީސް ޕޮއިންޓް ތިނެއް އިންސައްތަ (%22.3) ކަނޑައަޅާފައިވާއިރު ފެނާއި ނަރުދަމާއަށް ދިހައެއް (%10) އިންސައްތަ، ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫޢުތަކަށް (%7.6) ހަތެއް ޕޮއިންޓް ހައެއް އިންސައްތަ ވަނީ ކަނޑައަޅާފައެވެ.

img:http://s2.psmnews.mv/images/660x400/14782167590829.jpg|ށ. ކަނޑިތީމު ބަނދަރު ސަރަޙައްދުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ކަނޑިތީމު ކައުންސިލް

ޕީއެސްއައިޕީ ބަޖެޓުގެ (%7.3) ހަތެއް ޕޮއިންޓް ތިނެއް އިންސައްތަ ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާއިރު، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް (%6.2) ހައެއް ޕޮއިންޓް ދޭއް އިންސައްތަ އަދި މިސްކިތްތައް ޢިމާރާތްކުރުމަށް (%5.7) ފަހެއް ޕޮއިންޓް ހަތެއް އިންސައްތަ ވަނީ ކަނޑައަޅާފައެވެ. އަދި އެހެނިހެން މަޝްރޫޢުތައް ހިންގުމަށް (%12.3) އިންސައްތަ ވަނީ ޕީއެސްއައިޕީ ބަޖެޓުން ކަނޑައަޅާފައެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ޕީއެސްއައިޕީގެ މަޝްރޫޢުތައް ކަނޑައެޅުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ އިޤްތިޞާދީ މަސައްކަތްތަކަށް މަގުފަހިކޮށްދޭ ފަދަ މަޝްރޫޢުތަކަށްކަމަށެވެ. މިއީ އަތޮޅުތަކުގެ ތަރައްޤީއަށް ހިންގޭ، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތައް ހާސިލުކުރާނެ މަޝްރޫޢުތައްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޕީ.އެސް.އައި.ޕީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ޚަރަދުގެ 60 އިންސައްތަ ހޭދަކުރަން ނިންމާފައިވަނީ ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން. އަދި 40 އިންސައްތަ ހޭދަކުރާނީ ލޯނާއި ހިލޭއެހީ އާއި އެހެނިހެން ފަންޑުތަކުގެ ތެރެއިން." މިނިސްޓަރ ވިދާޅުވިއެވެ. 

2017 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަންދޭ ބަޖެޓެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.