ޚަބަރު

ޝޯ އެކަޑަމީން ހިލޭ ކިޔެވުމުގެ ފުރުޞަތު ދިރާގުން ހުޅުވާލައިފި


ބައިނަލްއަޤްވާމީ އެކަޑަމީއެއްކަމަށްވާ "ޝޯ އެކަޑަމީ"އިން ހިލޭ ކިޔެވުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.

ޝޯ އެކަޑަމީ އާއި ގުޅިގެން ދިރާގުން ހުޅުވާލާފައިވަނީ އޮންލައިން ކޯސްތަކެކެވެ. މި ކޯސްތަކުގެ މުއްދަތަކީ ހަތަރު ހަފްތާއެވެ. ޝޯ އެކަޑަމީއިން ހިންގާ ކޯސް ތަކުގެ ތެރޭގައި، ޑިޖިޓަލް މާކެޓިންގ، ވެބް ޑިވެލޮޕްމެންޓް، ގްރެފިކްސް ޑިޒައިން، މޯބައިލް އެޕް ޑިވެލޮޕްމެންޓް އަދި ސޯޝަލް މީޑިއާ މާކެޓިންގ ފަދަ ކޯސްތައް ހިމެނެއެވެ.

ދިރާގު ޕަބްލިކް ރިލޭޝަންސް މެނޭޖަރ، އިމްޖާދް ޖަލީލް ވިދާޅުވީ، ކޮންމެ ދިވެއްސަކަށްވެސް މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި މިކޯސްތަކަކީ ޒުވާނުންނަށް އެމީހުންގެ ވަޒީފާގެ މައިދާނާއި އަމިއްލަ ދިރިއުޅުމުގައިވެސް ބޭނުން ހިފޭނެ ކޯސްތަކެއްކަމަށް އިމްޖާދު ވިދާޅުވިއެވެ.

"ޝޯ އެކަޑަމީ" އަކީ ދުނިޔޭގެ ފެންވަރުގައި ކާމިޔާބީ ހޯދަމުންދާ އޮންލައިން ކޯސް ހިންގާ ޕްލެޓްފޯމެކެވެ. އެ ތަނުން ހިންގާ ކޯސްތަކުގައި ލައިވްކޮށް ލެޕްޓޮޕް، ފޯން، އައިޕެޑް ފަދަ ކޮންމެ ސްމާޓް ޑިވައިސް އަކުން ބައިވެރިވެވޭނެއެވެ. ކޯސްތަކުގެ ފެންވަރާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ދިރާގު ކޮންސިއުމަރ މާރކެޓް މެނޭޖަރ ޖަނާ އިބްރާހިމް ވިދާޅުވީ "ޝޯ އެކަޑަމީ" ގެ ހުރިހާ ކޯހަކީވެސް ބައިނަލް އަގްވާމީ މިންގަނޑަށް ފެތޭ ދުނިޔޭގެ ފެންވަރުގައި ބަލައިގަން ސެޓްފިކެޓް ކޯސްތަކެއްކަމަށެވެ.

"ޝޯ އެކަޑަމީ" ގެ ކްލާސްތައް ލައިވް ކޮށް ކުރިއަށްދާ ގަޑީގައި ވަގުތު ނުލިބިއްޖެ ނަމަ ފަހުންވެސް އެ ކްލާސްތަކުގެ ރެކޯޑިން ބަލާލުމުގެ ފުރުސަތުއޮވެއެވެ.