ޚަބަރު

އޭޝިޔާ ޕެސިފިކް ހައިލެވެލް މީޓިންގް އޮން ޗައިލްޑް ރައިޓްސް


މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި މިހާރު ހިނގަމުންދާ 3 ވަނަ އޭޝިޔާ ޕެސިފިކް ހައިލެވެލް މީޓިންގް އޮން ޗައިލްޑް ރައިޓްސް ގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. 

މިބައްދަލުވުމުގެ މަޤުޞަދަކީ އޭޝިޔާ އާއި ޕެސިފިކް ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެހީތެރިވުމަށާއި އެޤައުމުތައް އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން ކުރިއެރުވުމަށްޓަކައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރުމާއި، ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ އެންމެންނަށް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރުންކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން މަޢުލޫމާތުދެއްވައެވެ. މިއަދުގެ ބައްދަލުވުމުގައި ކުޑަކުދިންނާއި އަންހެނުންނާއި ޢާއިލާތަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ބޭއްވުނު ޚާއްޞަ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ޒެނީޝާ ބައިވެރިވަޑައިގަންނަވައި، ދިވެހިރާއްޖޭގައި އިޖްތިމާޢީ ރައްކާތެރިކަން އެންމެނަށް ފޯރުކޮށްދިނުމުގެގޮތުން، ރަށު ފެންވަރުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕް (ސީ.އެސް.ޖީ) ތައް އުފެއްދުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14785292471639.jpg|އޭޝިޔާ ޕެސިފިކް ހައި ލެވެލް މީޓިން އޮން ޗާއިލްޑް ރައިޓްސްގެ ބައްދަލުވުމުގައި މިނިސްޓަރ ޒެނީޝާ

މިނިސްޓަރ ޒެނީޝާއާއެކު މިދަތުރުފުޅުގައި ސީނިއަރ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މުޙައްމަދު ޖަލީލްގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ، އާސަންދަ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް، އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އިސް އޮފިޝަލުން ބައިވެރިވަޑައިގެންނެވިއެވެ.

މިމަހުގެ 5 އިން 9 އަށް މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ބާއްވާ މިބައްދަލުވުމުގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދަ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްއާ ގުޅިގެން ދިވެހިރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާއި، ހިލޭ ބޭސްފަރުވާގެ ޚިދުމަތުގެ ނިޒާމާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް މާކެޓް ބޫތްއެއް ވަނީ ބަހައްޓާފައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.