ޚަބަރު

އަޔާދީ އޮންލައިންގެ ޚިދުމަތް ތަޢާރަފްކޮށްފި


އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން އަޔާދީ އޮންލައިންގެ ނަމުގައި އޮންލައިންކޮށް ހިދުމަތް ލިބޭ އިންތިޒާމެއް ހަމަޖައްސައިފިއެވެ. މިއަދު ހެނދުނު މޫކައި ހޯޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިދުމަތް އިފްތިތާހުކޮށްދެއްވީ އަޔާދީ ތަކާފުލްގެ ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން އާއި މެނޭޖަރ ފާތިމަތު ނިޒްމާއެވެ.

މުޅިން އަލަށް މިތައާރަފުކުރެވުނު ހިދުމަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފިރުޝާން ވިދާޅުވީ، މިއީ ޝަރީއާ ހުއްދަކުރާ ތަކާފުލް ސެޓްފިކެޓް ނެގުމަށް ކަސްޓަމަރުންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސާ ދިނުމުގެ މަގުސަދުގައި ތައާރަފު ކުރެވުނު ހިދުމަތެއްކަމަށެވެ. އެގޮތުން ކަސްޓަމަރަކު ބޭނުންފުޅުވާ ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް އަޔާދީ ވެބްސައިޓް މެދުވެރިކޮށް ހިދުމަތް ހޯއްދެވޭނެ ކަމުގެ ޔަގީންކަން ފިރުޝާން ދެއްވިއެވެ.

އަޔާދީ އޮންލައިން މެދުވެރިކޮށް ލިބިދޭ ހިދުމަތްތަކާއި ބެހޭގޮތުން އިތުރަށް ވާހަކަފުޅުދައްކަވަމުން އަޔާދީ މެނޭޖަރ ނިޒްމާ ވިދާޅުވީ، މިއީ ކަސްޓަމަރުން ހިދުމަތް ހޯދުމަށް އޮފީހަށް ވަޑައިންގެން ހޭދަވާ ވަގުތު ސަލާމަތްކުރުމަށް ތައްޔާރުކުރެވުނު ޕޯޓަލްއެއްކަމަށެވެ. އެގޮތުން އަޔާދީ އޮންލައިންގެ ޒަރިއްޔާއިން ލިބޭ އިންޝުއަރަންސް ހިދުމަތްތަކުގެ ތެރޭގައި މޮޓޯ ތަކާފުލް ނެގުމާއި، މޮޓޯ ތަކާފުލް ސެޓްފިކެޓް މުއްދަތު ހަމަވުމުން އާކުރުމާއި އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ހާއްސަ ޓްރެވަލް ތަކާފުލް ނެގުން ހިމެނެއެވެ. އަދި މީގެ އިތުރުން އަޔާދީ ތަކާފުލްގެ ކޮންމެ ސެޓްފިކެޓެއްގެ ވެސް ސައްޙަކަން ބަލާލުމުގެ ފުރުސަތު އަޔާދީ އޮންލައިން މެދުވެރިކޮށް ލިބެއެވެ.